އެކި މަސައްކަތްކުރުމުގެ ނަމުގައި ރާއްޖެއަށް އިންޑިއާގެ 4،000 ސިފައިން އެތެރެކޮށްފި: އަދުރޭ

އެކި މަސައްކަތްކުރުމުގެ ނަމުގައި ރާއްޖެއަށް އިންޑިއާގެ 4،000 ސިފައިން އެތެރެކޮށްފި: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2022 10:33
0

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް އެކި ނަންނަމުގައި އެތެރެކޮށްދީފައިވާ އިންޑިއާގެ 4،000 ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ އައުޓް ހަރަކާތައް ވޯމްއަޕް ކުރުމަށް ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން، އަދުރޭ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހަދުތަކުގައި އެކި ނަންނަމުގައި އިންޑިއާގެ އެތައްހާސް ސިފައިން އެތެރެކޮށްފައި ވާކަމަށެވެ. މިއަދު ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ސާފު އަދަދެއް އަދުކާރަށްވެސް ނޭގޭކަމަށް އޭނާވިދާޅުވިއެވެ.

މިއަދު ރިސޯޓްތަކުގައި ކައްކާއިން ގޮތުގައާއި، ރާނާ މީހުންގެ ގޮތުގައާއި، ހޮޓާތަކުގެ ވެއިޓަރުންގެ ގޮތުގައާއި، ތަންތަނުގެ ސެކިއުރިޓީންނަށްވެސް އިންޑިއާގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އަދުރޭ ވިދާޅުވިއެވެ. މިކަމަކީ ޑިފެންސް މިނިސްޓަރ މާރިޔާ ހުއްދަ ދީގެން ކުރަމުންދާ ކަމެއްކަމަށާއި، މިކަން އޭނާއަށް ދޮގު ނުކުރެވޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އެކި ނަންނަމުގައި 4،000 ސިފައިން ރާޢްޖެއަށް މިވީ ދުވަސްކޮޅުގެ ތެރޭގައި އެތެރެކޮށްފި. މާރިޔާއަށް މިއީ ދޮގެކޭ ނުބުނެވޭނެ. މާރިޔާ މެމްނަށް މިހާރު ކޮންޓްރޯލެއް ނެތް. އަސްލަ ސަރުކާރަށް މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ސާފު އަދަދެއް ނުވެސް އެގޭ.

– އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިޤައުމު ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރެވޭ ވަރުގެ ބޭފުޅަކު މިޤައުމުގެ ވެރިކަމަށް ގެނެސްގެން ކަމަށެވެ. އެބޭފުޅަކީ ރައީސް ޔާމީންކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ވެެރިކަމުގެ ވާހަކަ ދައްކަން ބޭނުންވަނީވެސް ރާއްޖޭގެ މިނިވަންކަމަށްޓަކައި މިހާރު ކުރަމުންދާ ޖިހާދު ކާމިޔާބު ކުރުމަށްފަހު ކަމަށެވެ.

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން މިހާރު ކުރައްވަމުންދާ މަސައްކަތަކީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލައި ދިވެހި ފަސްގަޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރަކަށް ތިބުމުގެ ޖާގަ ނުދިނުމަށް ހިންގޭ މިނިވަންކަމުގެ ބޮޑު ހަރަކާތެއްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މިއަދު ބާއްވާ އިންޑިއާ އައުޓް ބޮޑު ހަރަކާތް ހުއްޓުވުމުގައި ދިވެހި ސަލާމާތީ ބާރުތަކުން ހުރަސް އެޅުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.ސަލާމަތީ ބާރުތަކުން އަމަލު ކުރަންޖެހޭނީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކަމަށާއި، ރާއްޖޭގެ މިނިވަންކަން ކަށވަަރު ކުރެވޭނީ މިވެރިކަން ނިންމައި، އިންޑިއާ ސިފައިން ބާލައިގެންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.