މިހާރު ކުރިޔަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.
މުބާރާތުގައި ރޭ ވަނީ ގަދަ 16 ގެ ހުރިހާ މެޗެއް ކުޅެ ނިންމާލާފައެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތަކަކީ، މާފަންނު، ހުޅުމާލެ، މާލެގަން، ކ.ގާފަރު، ރ.ދުވާފަރު، ތ.ތިމަރަފުށި އަދި ދ.ކުޑަހުވަދޫގެ އިތުރުން ބ.އޭދަފުއްޓެއެވެ.
މުބާރާތުގެ ގަދަ 16 ގައި ރޭ ކ.ގާފަރު އަދި ގއ.ކޮނޑޭ ބައްދަލުކުރި މެޗު ގާފަރުން ކާމިޔާބުކުރީ، 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގާފަރުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަލީ މާއިސް، އަދި ސަނީމް ޝަމާއިލްއެވެ. ކޮނޑޭ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ، އިނާން އަޙުމަދުއެވެ.
ގަދަ 16 ގައި ރޭ މާފަންނު އަދި މ.ދިގުރަށް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާފަންނު ޓީމެއެވެ. މި މެޗުގައި މާފަންނު ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، މުހައްމަދު އިހުސާން އަދި އަލީ ނައުޝާދުއެވެ.
މުބާރާތުގައި ރޭ އދ.މާމިގިނލި އަދި ހުޅުމާލެ ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ، ހުޅުމާލޭ ޓީމެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 ޓީމުވެސް ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ޕެނަލްޓީ ޖަހައިގެން މާމިގިނލީގެ މައްޗަށް ހުޅުމާލެއިން ކުރިހޯދީ 3-6 ގެ ނަތީޖާއަކުންނެވެ.
މާލެގަން އަދި ށ.ކަނޑިތީމު ބައްދަލުކުރި މެޗު 3-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރީ، މާލެގަން ޓީމެއެވެ. ރ.ދުވާފަރު އަދި ސ.ފޭދޫ ބައްދަލުކުރި މެޗު 0-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދުވާފަރު ޓީމެއެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ތ.ތިމަރަފުއްޓާއި އއ.މަތިވެރި ބައްދަލުކުރި މެޗު 2-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުއާޓާ އަށް ދަތުރުކުރީ ތިމަރަފުށި ފުޓްސަލް ޓީމެއެވެ. އަދި ހއ.އިހަވަންދޫ އާއި ދ.ކުޑަހުވަދޫ ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން 3-4 ގެ ނަތީޖާއަކުން އިހަވަންދޫ ބަލިކޮށް ކުއާޓާއަށް ދަތުރުކުރީ ކުޑަހުވަދޫ ޓީމެއެވެ. އަދި ރޭ ގަދަ 16 ގެ ފަހު މެޗުގައި އޭދަފުށިން ވަނީ ގދ.ވާދޫ 1-3 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ