ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ތިން ގަޑިއިރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރޯދަމަހުގައި ސްކޫލްތަކުގައި ކިޔެމުންގެ ގަޑިތައް ބަޔާންކޮށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އެއް ދަންފަޅިއަށް ކިޔަވަދޭ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30-9:00 އާ ދޭތެރޭގައި ފަށައި އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ވެސް ހެނދުނު 8:30-3:00 އާ ދެމެދު ފެށުމަށެވެ.
އަދި އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ ދޮޅުގަޑިއިރަށް ކަމަށާއި ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންނަށް ދެ ގަޑިއިރާ 30 މިނެޓު އަދި ސެކަންޑަރީ އާއި ހައި ސްކޫލްގެ ދަރިވަރުންނަށް ރޯދަ މަހު ކިޔަވައިދެވޭނީ ތިން ގަޑިއިރަށް ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.
ސާކިއުލާގައި ބުނެފައިވަނީ ރޯދަ މަހުގައި މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފެއްތުމަށާއި އަދި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާއިރު މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށެވެ.
މީގެ އިތުރުން ދަންފަޅިތައް ރާވާއިރު ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތް ހެދުމަށާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަކާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުމަށް ވެސް ސާކިއުލާގައި ވެއެވެ. އަދި މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުމަށް ވެސް އަންގާފައިވެއެވެ.
ކޮމެންޓު ފޮނުވާ