ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެލްކްލަސިކޯ މެޗުގައި ބާސެލޯނާ އިން 4-0 އިން މޮޅުވެ، އެ ޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
ރެއާލް މެޑްރިޑް ދަނޑުގައި ކުޅުނު މި މެޗުގައި ބާސާ އިން ޖެހި ފުރަތަމަ ގޯލް 29 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޖެހީ ޕިއެރެ އެމެރިކް އޮބަމަޔަންގްއެވެ. އެ ގޯލަށްފަހު ރެއާލަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް 38 ވަނަ މިނެޓުގައި ކޯނަރަކުން ޑިފެންޑަރު ރޮނާލްޑް އަރައުހޯ ވަނީ ބޮލުން ގޯލް ޖަހައި ބާސާގެ ލީޑު ފުޅާކޮށްދީފައެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ވެސް ރެއާލަށް ހިންދެމިލެވޭވަރު ނުވެ، ކުޅެން ޖެހުނީ ޕްރެޝަރުގަ އެވެ. މި ހާފް ފެށިގެން ދެ ވަނަ މިނިޓްގައި އޮބާމަޔަން ދިން ބޯޅައަކުން ޓޮރޭޒް ގޯލު ޖެހިއެވެ. އޭގެ ތިން މިނިޓް ފަހުން ޓޮރޭޒް ދިން ބޯޅައަކުން އޮބާމަޔަން ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. އެންމެ ފުރަތަމަ ނިންމީ އޮބާމަޔަންގެ ގޯލު އޮފްސައިޑް ކަމަށެވެ. އެކަމަކު އެ ގޮތަށް ގޮތް ނިންމައިގެން ހުއްޓައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ކަމަށެވެ. އެ ނިންމުމާ މެދު ރެއާލުން ވަރަށް ބޮޑަށް ނުރުހުނެވެ.
މި މެޗުން ބަލިވި ނަމަވެސް ބޮޑު ލީޑަކާއެކު ރެއާލް އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ. ރެއާލުން ވަނީ 29 މެޗުން 66 ޕޮއިންޓް ހޯދައިފައެވެ. ދެ ވަނައިގައި އޮތީ 29 މެޗުން 57 ޕޮއިންޓް ހޯދައިގެން ސެވިއްޔާ އެވެ. ލީގުގެ ތިން ވަނައިގައި އޮތް ބާސާ އަށް 28 މެޗުން ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 29 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ