އޭސީސީގެ މަސައްކަތްތައް ކާމިޔާބުވުމަކީ ޕީޖީގެ މަސްލަހަތުގައި އޮތްކަމެއް: ޝަމީމް

އޭސީސީގެ މަސައްކަތްތައް ކާމިޔާބުވުމަކީ ޕީޖީގެ މަސްލަހަތުގައި އޮތްކަމެއް: ޝަމީމް

Author
މުޙައްމަދު ޖިމީ
20 މާރޗް 2022 11:38
0

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ކާމިޔާބު ވުމަކީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތް ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާލުވެއްޖެއެވެ. ޝަމީމް މިހެން ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގްގައި "ޤާނޫނު ތަންފީޒު ކުރުން – ކެނެރީމަގުގެ މިސާލު" މި ނަމުގައި ލިއުއްވި ލިޔުއްވުމުގައެވެ.

ޝަމީމް ވަނީ މިދިޔަ ބުރާސްފަތި ދުވަހަކީ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް، މުޅިން އަލަށް ފަސް މެންބަރުން ޢައްޔަން ކުރެވުނު ދުވަސްކަން ފާހަގަކުރައްވާ ކޮމިޝަނަށް ޢައްޔަންވި މެމްބަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަލަށް ޢައްޔަންވި މެންބަރުންގެ ތެރޭގައި، އަލްއަޒްހަރު ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރެއްވި ދެބޭފުޅަކު ތިއްބެވިކަންވެސް ޝަމީމް ފާހަގަކުރައްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ކާމިޔާބު ވުމަކީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތް ކަމެއްކަމަށެވެ. ޤާނޫނު ތަންފީޒުކޮށް، ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކުރުމުގައި، އެކޮމިޝަނުގެ އެއް ނަންބަރު ސަޕޯޓަރަކަށްވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްކަމަށާއި، ޕީޖީ އޮފީހުގެ ހުރިހާ އިންސާނީ ވަޞީލަތެއް، އޭސީސީގެ މަސައްކަތް ކާމިޔާބުކުރުމުގެ މަގަށް، ކުރިންވެސް، މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އޮންނާނީ ރުކުރުވާލާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެކަމުގެ ފުރިހަމަ ޔަޤީންކަން އައު މެންބަރުންނަށް ދެއްވަމުން ޝަމީމް ވިދާޅުވީ، އޭސީސީން ފައްޓަވާ ހުރިހާ ޖިނާއީ ތަޙުޤީޤެއްގެ އަނެއް ކޮޅުގައި ޕީޖީން ވަރުގަދައަށް ހިފާނެކަމަށެވެ. އެމަސައްކަތް ކާމިޔާބުކުރުމަށް ލެވެން އޮތް ބާރެއް ލާނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެމީހެއްގެ ނުފޫޒާއި ބޮޑާކަމާއި، ހަނި ވިސްނުމާއި، ހަމައާއި އިންޞާފު ޤަބޫލު ނުކުރެވުމާއި، ދުނިޔޭގެ ކަންކަން ހިނގާ ގޮތުގެ ޠަބީޢަތު ނޭނގޭނަމަ، އެމީހެއްގެ ސައިކަލުގެ މަޑިއަށް ގުއި ރުނު ކޮތަރު ހޯދައިގެން، އެކޮތަރު މަރައިލަން އުޅެފާނެއެވެ. ނަމަވެސް، އެކޮތަރު ނެތިއްޔާ، އެތަނުގައި އެހެން ކޮތަރެއް އިންނާނެއެވެ. ގުއި ރޭނެއެވެ. އެއީ، އޭގެ ޠަބީޢަތެވެ. ދުނިޔެ އޮތް ހައި ހިނދަކު، ކޮތަރު ސީ ލުމެއް ނުހުއްޓުވޭނެއެވެ. ކޮންމެވެސް ޢަދަދަކަށް ކޮތަރު މަރައިލާ، ނައްތާލައި، ނިޒާމުން ގެއްލުވައި ލެވިދާނެއެވެ. ނަމަވެސް، ކޮތަރު އެނބުރި އަންނާނެއެވެ. ކޮތަރަކީ މަފްހޫމެކެވެ.

– ޝަމީމް އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ، ޤާނޫނެއް ހަދައި، ތަންފީޒީ އިދާރާތަކާ ތަންފީޒުކުރަން ޙަވާލުކުރުމުން، ތަންފީޒީ އިދާރާތައް ޢަމަލުކުރާނީ ކޮތަރި ގުއި ރޭ އުޞޫލުންކަމަށެވެ. ލޮލަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި، ޤާނޫނު ތަންފީޒުކުރާނީކަމަށާއި، އެކަމުން ނުތަނަވަސްކަން އަންނަ މީހަކަށް ނުތަނަވަސްކަން އަންނާނެކަމަށެވެ. ނަމަވެސް، ޤާނޫނުގެ ކުރިމަތީގައި ހުރަހަށް ޕާކުކުރާ މީހާ ޕާކު ކުރަންވާނީ، ކޮތަރު ގުއި ރޭ ގޮތަށް، ޤާނޫނު ތަންފީޒުވުމުގެ ފުރުޞަތު އޮންނާނެކަން ދަނެގެންކަމަށްވެސް ޝަމީމް ވިދާޅުވެފައިވެއެވެ.

އަޅުގަނޑުގެ އުއްމީދަކީ، އަލަށް އެކުލަވާލެވުނު ކޮމިޝަނާއެކު، ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއް ކޮށް، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް މަދުކުރެވުމެވެ. ކޮރަޕްޝަން ނެތް މުޖްތަމަޢެއް ބިނާ ކުރުމެވެ. އަލްއުސްތާޛު އިބްރާހީމް ޝިހާބު ލިޔުއްވާފައިވާ ފަދައިން، "އަދުގެ އުޞޫލަކީ ޢަމަލެވެ. ތިމާގެ ވާޖިބު އަދާކުރަމުން، އަނެކެއްގެ ޙައްޤަށް ޙުރުމަތްތެރިކޮށް ހިތަމުން ކުރާ ޢަމަލެވެ. ޤައުމުން ޖާހިލުކަމާއި، ބަލިމަޑުކަމާއި، ފަޤީރުކަން ނެއްތާލުމަށް ކުރާ ހަރުދަނާ ޢަމަލެވެ."

– ޝަމީމް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ކާމިޔާބު ވުމަކީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތް ކަމެއްކަމަށް ޝަމީމް ވިދާޅުވެފައިވާއިރު، އޭސީސީއަށް އައު މެންބަރުން އައްޔަންކުރުމުގެ ކުރިން ތިއްބެވި އޭސީސީގެ މެންބަރުންނާއި ޕީޖީއާއި ދެމެދު ވަރަށް ބޮޑު ޚިޔާލުތަފާތުވުމެއް އޮތްތަން ފެނިގެން ދިޔަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.