މިސަރުކާރުން އިންޑިއާއާއިއެކު ހަދާފައިވާ މިނިވަންކަމާއި ސިޔާދަތަށް އަސަރު ކުރާގޮތަށް ހަދާފައިވާ ހުރިހާ އެއްބަސްވުނަތަކެއް ޕީޕީއެމުން ވެރިކަމާއި ހަވާލުވެ ބާތިލް ކުރާނެކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ޔާމީން ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރަށް ވަޑައިގެން މިއަދު ހަވީރު ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް ޔާމީން ވިދާޅުވީ މި ހަރަކާތް ހިންގަވަން އެމަނިކުފާނު އިސްކޮށް ހުންނެވި ސަބަބަކީ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ނުރައްކާ ދަންނާތީ ކަމުގައެވެ.
ދިވެހި ރައްޔިތުންގެ ހައްގުތަކަށް ކިހާ ވަރެއްގެ ތަނަވަސް ކަމެއް ގެނެސްދޭ އެގްރީމެންޓުތަކެއް ކަމެއް ދިވެހި ރައްޔިތުންނަށް ނޭނގި މި ކަން އެނގެންވީ ހިޖޯރީންނައްތަ؟ ދިވެހި ރައްޔިތުންނަށް އެކަން އެނގެން ޖެހެނީ, މީގެ ނުރައްކާ އެނގޭތީ ތެދުވެ މި ވާހަކަ މި ދައްކަނީ.
– ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ އެކި މުއައްސަސާތަކުގެ އެކި މަގާމްތަކަށް އަންނަންވާ މީހުންނާއި ދިވެހިންގެ ހާލަތު އޮންނަން ވާނެ ގޮތާއި މި ހުރިހާ ކަމެއްގައި ފަހުބަސް ބުނާ ބަޔަކަށް އިންޑިއާ ވެފައިވާކަމަށާއި އެ ސަބަބަށްޓަކައި އިންޑިއާއާއެކު ސަގާފީ އެގްރީމެންޓެއް އޮތަސް ޖެހޭނީ ބާތިލްކުރަންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖެއިން އިންޑިއާއާ އެކީ ކުރާނެ މަސައްކަތެއް ނެތްކަމަށާއި އެމީހުންގެ ވަސީލަތެއް ވެސް މިއަދު ދިވެހިން ބޭނުން ނުވާކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާއެކު އެއްބަސްވުމެއް ހަދަައިގެން ދިވެހީން ތިބެން އެ ގައުމުގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަަމަށެވެ.
އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެން ބަލާކަށް ބޭނުމެއް ނޫން އަޅުގަނޑުމެންނަށް ގެއްލުން ވަނީ ކޮންއެއްޗެއްތޯ. ހުރިހާ އެގްރީމަންޓެއް ބާތިލު ކުރާނަން. ހަމަ ހުރިހާ އެގްރީމަންޓެއް ބާތިލު ކުރާނަން. އެއީ އެއްވެސް އެގްރީމަންޓެއް އެ މީހުންނާއެކު ކުރިއަށްދާކަށް އަހަރެމެން ބޭނުމެއް ނޫން. އެއީ ދިވެހިރާއްޖެއަށް މިހާ ހިތްދަތިކަން ގެނެސް ދިވެހިރާއްޖޭގެ އެތެރޭގެ ހިންގުމާއި ބޭރުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރުމާއި މަގާމުތަކަށް އަންނަންވާ މީހުންނާއި ދިވެހީންގެ ހާލަތު އޮންނަންވާނެ ގޮތާއި މި ހުރިހާ ކަމެއްގައި ފަހުބަސް ބުނާ ބަޔަކަށް އިންޑިއާ މީހުން ބޭނުންވީމަ އެއީ 'ފުރުއްޕާ' ކަމެއް ނޫނޭ އަބަދުވެސް އަޅުގަނޑުމެން މި ދަނީ ބުނަމުން.
– ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއިން އިންޑިއާއާއެކު އެއްބަސްވުންތައް ހަދާފައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި ރާއްޖެ ސަރަހައްދަށް ވަދެވޭނެ ގޮތަށްކަމަށާއި ދިވެހި ސަރުކާރަށް ހަމައެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭ ކަމަށެވެ.
މީގެ އިތުރުން މީގެ ކުރިން އުތުރުތިލަފަޅާއި ބެހޭ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަތައް ޑިފެންސް މިނިސްޓްރީން ދޮގުކުރުމާއި ގުޅިގެން ވެސް އެމަނިކުފާނު ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މިގޮތުން ޑިފެންސް މިނިސްޓްރީން އަންނަނީ މަތިމައްޗަށް ދޮގު ހަދަމުން ކަމަށާއި ކިތަންމެ ވާހަކައެއް ދެއްކިއަސް އުތުރުތިލަފަޅަކީ ސަރުކާރުގެ ބާރު ހިނގާ، ދިވެހި ސިފައިންގެ ބާރު ހިނގާ ތަނަކަށް ނުވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ