ހަނގުރާމައާއި ދެކޮޅު ޝުޢޫރުތައް ފާޅުކުރި ރަޝިއާގެ ޓީވީގެ މުވައްޒިފު ވަޒީފާއިން ވަކިވެއްޖެ، އެސައިލަމް ބޭނުމެއް ނުވޭ!

ހަނގުރާމައާއި ދެކޮޅު ޝުޢޫރުތައް ފާޅުކުރި ރަޝިއާގެ ޓީވީގެ މުވައްޒިފު ވަޒީފާއިން ވަކިވެއްޖެ، އެސައިލަމް ބޭނުމެއް ނުވޭ!

Author
ހުސެއިން
18 މާރޗް 2022 07:39
0

ޓީވީގެ ލައިވް ޚަބަރު ގަޑީގައި ނިއުސް ރޫމަށް ވަދެގަނެ، ރަޝިއާއިން ޔޫކުރެއިންގައި ކުރަމުންދާ ހަގުރާމައާއި ދެކޮޅު މެސެޖްތައް ޓީވީގައި ދެއްކި، އެގައުމުގެ ޗެނަލް ވަންގެ އެޑިޓަރ މަރިއާނާ އޮވްސިޔަކޮވޮވާ އޭނާގެ ވަޒީފާއިން ވަކިވެއްޖެއެވެ. އަދި ރަޝިއާގައި އިތުރަށް ހުރެއްޖެނަމަ، ޖިނާޢީ ދައުވާއާއި އޭނާއަށް ކުރިމަތި ލާން ޖެހިދާނެތީ ރަޝިއާ ދޫކޮށް، ފްރާންސްގައި ދިރިއުޅުމަށް ބައެއް ފަރާތްތަކުން އޭނާއަށް ދިން ދައުވަތު ގަބޫލު ނުކޮށް، އޭނާ ދިރުއުޅޭނީ ރަޝިއާގައި ކަމަށް ބުނެފިއެވެ.

ފާއިތުވެދިޔަ ހަފްތާގެ ހޯމަ ދުވަހު ހަވީރުގެ ނިއުސް ގަޑީގައި، ކުއްލިއަކަށް ނިއުސް ރޫމަށް ވަދެގަނެ، ހަގުރާމައާއި ދެކޮޅު މެސެޖުތައް ޓީވީގައި އޭނާ ދެއްކުމާއި ގުޅިގެން، ވަގުތުން ވަގުތަށް އޭނާ ޕޮލިސް ސްޓޭޝަންއަކަށް ހާޒިރުކޮށް، އެދުވަހު އޭނާވަނީ 30،000 ރުބެލް (290 އެމެރިކާ ޑޮލަރު)އިން ޖުރިމަނާ ކޮށްފައެވެ.

"ހަނގުރާމަ ހުއްޓާލާ، އެމީހުން އެ ހަދަނީ ހުސްދޮގު، މި ޕްރޮޕަގެންޑާ ގަބޫލު ނުކުރޭ،" އޮވްސިޔަކޮވޮވާ ހިފަހައްޓައިގެން ހުރި ކަރުދާހުގައި ލިޔެފައި ވެއެވެ. "ރަޝިއާ މީހުން މި ހަގުރާމައާއި ދެކޮޅު،" ލައިވް ނިއުސް ގަޑީގައި ޕްރެސެންޓަރުގެ ފަހަތުގައި ހުރެ އޭނާ ހިފަހައްޓައިގެން ހުރި ކަރުދާހުގައި އިނގިރޭސިބަހުން ލިޔެފައިވާ އިބާރާތުގައި ލިޔެފައި ވެއެވެ.

ފްރާންސް 24 ޓީވީ ޗެނަލްގައި ވާހަކަ ދައްކަމުން އޮވްސިޔަކޮވޮވާ ބުނެފައިވަނީ ރަޝިއާގެ ޗެނަލް ވަންގެ ވަޒީފާއިން ވަކިވުމަށް މިހާރު އޭނާވަނީ ހުރިހާ ލިޔެކުއިންތައް ތައްޔާރު ކޮށްފައެވެ. "އެއީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ތަކެއް،" އޭނާ ބުނެފައި ވެއެވެ.

"އަހަރެމެން އެބަޖެހޭ މި، ތާކުންތާކު ނުޖެހޭ ހަގުރާމަ، ވޭންދެނިވި ނިއުކުލިއަރ ހަގުރާމައަކަށް ބަދަލުވެގެން ދިއުމުގެ ކުރިން ހުއްޓުމަކަށް ގެންނަން. އަހަރެން އުއްމީދު ކުރަން އަހަރެންގެ ދަރިފުޅު ބޮޑުވުމުން، އަހަރެން މިކަން ކުރީ ކީއްވެކަން އޭނާއަށް އިގޭނެ ކަމަށް،" އޮވްސިޔަކޮވޮވާ އިތުރަށް ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި، އޭނާގެ ގާތް ވަރަށް ގިނަ ރަހުމަތްތެރިންވެސް މިހާރުވަނީ ވަޒީފާ ދޫކޮށްލާފައެވެ. އެހެން ވަރަށް ގިނަ މީހުންނަކީ މާލީ ހާލަތު ހުރިގޮތުން ވަޒީފާ ދޫކޮށްލެވެން ނެތް ފަރާތްތައްކަންވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ.

މަރިއާނާ އޮވްސިޔަކޮވޮވާ ބައެއް މީޑިއާތަކަށް އިންޓަރވިއު ދެނީ

ރަޝިއާގެ ސަރުކާރުގެ މީޑިއާ TASS އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޮވްސިޔަކޮވޮވާ ޖިނާޢީ ދައުވާއާއި ކުރިމަތިލާން ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ރަޝިއާއިން ޔޫކުރެއިންގައި ކުރިޔަށް ގެންދާ ހަގުރާމައާއި ދެކޮޅު ހެދުމުގެ ގޮތުން ރަޝިއާގައި ދަނީ މުޒާހިރާތައް ކުރަމުންނެވެ. އެހެންނަމަވެސް މި މުޒާހިރާތައް ހުއްޓުމަށް ރަޝިއާގެ ސަރުކާރުންދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.