2008ވަނަ އަހަރު ވުޖޫދުވެގެން އައި އާ ގާނޫނުއަސާސީން އެކަށިއެޅި ލާމަރުކަޒީ ނިޒާމަކީ، ޒަމާނުއްސުރެ މަރުކަޒު ކުރެވިފައި އޮތް ތަރައްގީ ލާމަރުކަޒުކޮށް، ތަރައްގީއަކީ ރައްޔިތުންގެ ވިސްނުމާއި އިހުސާސްތަކާއި އެއްގޮތަށް ގެނެވޭ އެއްޗަކަށް ހެދުމެވެ. އަދި ޒަމާނުއްސުރެ ރާއްޖޭގައި އަމަލްކުރެވެމުން އައި އުސޫލު ބަދަލުކޮށް، ތަރައްގީގައިވެސް ބަސްބުނުމުގެ ދައުރު ހަމައެކަނި ގައުމުގެ ވަލިއްޔުލްއަމުރަށް އޮތުމުގެ ބަދަލުގައި، ތަރައްގީގައި ފުޅާ ދައިރާއެއްގެ ރައްޔިތުންނަށް ބަސް ބުނެވޭނެ މަގުތައް ފަހިކޮށް، އެއުސޫލުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދެމުން ދިއުމެވެ.
އެހެންނަަމަވެސް 2011 ވަނަ އަހަރު މުޅި ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރެވި، ކައުންސިލްތައް އިންތިޚާބު ކުރެވި، ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން ކުދިކުދި އަބާދީތަކަށް ހިންގުމުގެ ބޮޑެތި ބާރުތަކެއް ދޫކުރެވިގެން ގޮސްފައި ވިނަމަވެސް، ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކަށް ކައުންސިލަރުން އިންތިޚާބުވަމުން އަންނަނީ، ކައުންސިލަރުންގެ އަމިއްލަ ހައިސިއްޔަތުން ހޯދާ ތާޢީދެއްގެ ބަދަލުގައި، އެ ކައުންސިލަރުން ނިސްބަތްވާ ޕާޓީތަކުގެ ތާއީދާއި އަދި އެޕާޓީތަކުން ކޮށްދޭ މަސައްކަތްތަކުގެ މައްޗަށެވެ.

ނަތީޖާއެއްގެ ގޮތުން، ތަރައްގީ ލާމަރުކޮށްކޮށް، އަދި ރަށްރަށުގެ މުނިސިޕަލް ގިނަ ޚިދުމަތްތައް ކައުންސިލްތަކަށް ދޫކޮށްލެވުނު ނަމަވެސ،ް ފެންނަމުންދާ ހަގީގީ މަންޒަރަކީ، ލާމަރުކަޒު ކުރެވުނު ތަރައްގީގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރިޔަށް ދާ މަންޒަރެވެ. އަދި ބައެއް ހާލަތްތަކުގައި، ކައުންސިލްތަކުން މުޅިން ވަކި އަމިއްލަ ސިޔާސަތުތަކެއް ކުރިޔަށް ނެރެ، ޔުނިޓަރީ ދައުލަތެއް ސިފަތަކުން ބޭރުވެ، ފެޑެރަލް ނިޒާމެއްގައި އަމަލް ކުރާ އުސޫލުން ބޭރުގެ ގައުމުތަކާވެސް ސީދާ ކައުންސިލްތަކުން މުޢާމަލާތު ކުރާ ހާލަތު ރާއްގޭގައި ފާއިތުވެދިޔަ ކުރު މާޒީގައި ފެނިގެން ގޮސްފައި ވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
މާލޭ ސިޓީ ކައުންސިލް! މި ދައުރު ފެށުނީއްސުރެ ސަރުކާރާ ކޯޅުން!
މާލޭ ސިޓީ ކައުންސިލަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޓީ ކައުންސިލެވެ. އަދި މި ސިޓީ ކައުންސިލަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއަށް ޚިދުމަތް ފޯރުކޮށްދޭން ޖެހޭ ކައުންސިލަށް ވެގެން ދިއުމުގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން އަދާ ކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ބޮޑު ބަޔަކީ، ރާއްޖޭގެ އެހެން ބައެއް ސިޓީ ކައުންސިލްތަކާ ޚިލާފަށް، މައި ސަރުކާރުގެ އިހުސިތާސްގައި ހިމެނޭ ގިނަ މުވައްސަސާތަކުގެ ދައުރުވެސް މި ކައުންސިލުން ފޮރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެންދާގޮތަށް، މާލޭ ސިޓީގެ ރައްޔިތުންނަށް ޚިދުމްތައްތައް ފޯރުކޮށްދޭން ޚިދުމަތްތަކެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، މާލޭ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ވަރަށް ގިނަ ޚިދުމަތްތަކުގައި ފާއިތުވެދިޔަ ތަނުގައި ވަނީ ސަރުކާރުގެ މުހިންމު ބައެއް ވުޒާރާތަކގެ ޚިދުމަތްތަކާއި ފުށުއަރާ، ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދި، މިގޮތުން އުފެދޭ ޚިޔާލުތަފާތުވުން ތަކުގެ ނަތީޖާއެއްގެ ގޮތުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކަށްވެސް ބުރޫ އަރާފަދަ ހާތަލަތްތައް މެދުވެރިވެފައެވެ.
އެހެންނަމަވެސް، 2008ވަނަ އަހަރުގެ އާގާނޫނު އަސާސީން ފޯރުކޮށްދިން ލާމަރުކަޒީ ނިޒާމު ތަޢާރަފް ވެގެން ދިޔަފަހުން ފާއިތުވެދިޔަ 12 ވަނަރަށް އަހަރު ދުވަހުގެ ތެރޭގައިވެސް މާލޭ ސިޓީގެ މޭޔަރުކަން ކޮށްފައިވަނީ އޭރުގެ ދިއުކޮޅު، އަދި މިހާރުގެ ވެރިކަންކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ނިސްބަތްވާ މޭޔަރެކެވެ. އެހެންނަމަވެސް މި ތާރީޚު ބަދަލުވެ، އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުސިލް އިންތިޚާބުގައި ފުރަތަމަ ފަހަރަށް މިވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕިއަށް ގެއްލި، އަދި މާލޭ ސިޓީ ކައުންސިލްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މޭޔަރުކަން މިވަނީ އިދިކޮޅު ޕީޕީއަށް ލިބިގެން ގޮސްފައެވެ.
ނަތީޖާއެއްގެ ގޮތުން، ގިނަ ބަޔަކު ކުރިންވެސް ހީކޮށްފައިވާ ފަދައިން، މާލޭގެ މުނިސިޕަލް ގިނަ ޚިދުމަތްތަކެއްގައި އެ ކައުންސިލާއި ސަރުކާރުގެ މިނިސްޓްރީތަކާއި ވަނީ ގިނަ ކަންކަމުގައި ބޮޑެތި ޚިޔާލުތަފާތުވުންތައް އުފެދިގެން ގޮސްފައެވެ.

މީގެ ތެރޭގައި، މާލޭގެ އެއް އަވަށުގެ ގޮތުގައި އޮތް ހުޅުމާލޭގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް އުފައްދާފަ އޮތް ކުންފުނި އެޗްޑީސީއާއި މާލޭ ސިޓީ ކައުންސިލް ދެމެދުވަނީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާ ބެހޭގޮތުންވެސް ބޮޑެތި ދެބަސްވުންތަކެއް އުފެދިފައެވެ. އަދި މީގެ އިތުރުން، މާލޭގެ ތަރައްގީއަށް ބޭނުންވާ ބަޖެޓް ސަރުކާރުން ހިފަހައްޓާކަމުގެ ތުހުމަތު ސިޓީ ކައުންސިލުން ސަރުކާރުގެ ވަޒީރުންގެ މައްޗަށް ކުރަމުން ދާއިރު، ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދޭން މާލޭ ސިޓީ ކައުންސިލުން މިހާރު ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން، ހައުސިންގ މިނިސްޓްރީން ތުހުމަތު ކޮށްފައިވަނީ، ސިޓީ ކައުންސިލްގެ މި ނިންމުމަކީ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވުމަށް ހަދާ "ތިލަމާލެ" ބްރިޖްގެ މަޝްރޫއަށް ހުރަސްއެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
މާލޭ ސިޓީކައުންސިލުން މިހާރު ނިންމާފައިވަނީ، ވިލިމާލޭގެ ދެކުނު ފަރާތުގައި އޮންނަ ސިނާއީ ސަރަހައްދުގައި މި ވަގުތު ހުސްކޮށް ހުރި 13 ސްލޮޓް، ސިނާއީ އެކި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށެވެ. އެހެންނަމަވެސް، ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ ވިލިމާލޭގެ އެ ސަރަހައްދުން ބިން ކުއްޔަށް ދޭން ސިޓީ ކައުންސިލަށް ނުނިންމޭނެ ކަމަށާއި އެކަން ކުރެވޭނީ އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ.
ކޯޅުމުގެ ސަބަބުން މާލޭގެ ތަރައްގީއަށް ހުރަސް އެޅިދާނެތަ؟
މާލެއަކީ ރާއްޖޭގެ ވެރިކަން ސިޓީކަމަށް ވެފައި، އަދި އެގޭއިތުރުން، އަބަދުވެސް ސަރުކާރުން ހިންގާ ތަރައްގީގެ ބޮޑެތި ގިނަ މަޝްރޫޢުތައް މާލޭގައި ކުރިޔަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މިގޮތުން ހިންގޭ ތަރައްގީގެ މަޝްޜޫއުތަކަށް ހުރަސް އެޅުމަށް މާލޭ ސިޓީ ކައުންސިލަށް ފޯރުވޭނެ މާބޮޑު ނުފޫޒެއް އޮތް ކަމަކަށް ނުބެލެވެއެވެ.
އެހެންނަމަވެސް، މިގޮތުން ހިންގޭ ތަރައްގީގެ މަޝްރޫޢުތަކަކީވެސް، ވެރިރަށް މާލޭގެ ބިމާއި، އަދި ގިނަ އަދަދަދެއްގެ ވަސީލަތްތަކުގެ ބޭނުން ކުރެވޭ މަޝްރޫޢުތަކަކަށް ވެގެންދާތީ، މިފަދައިން ގިނަ މަޝްރޫޢޫތަކުގެ އަމަލީ މަރުހަލާގައި އުފެދޭ ޚިޔާލު ތަފާތުވުންތަކަކީ، އޭގެ ނަތީޖާއެއްގެ ގޮތުން، ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމް ކޮށްފައި އޮންނަ، މާލޭގެ އާންމު ރައްޔިތުންނަށް ފޯރު ކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމްތައް ފޯރު ކޮށްދިނުމުގައި ދަތިތަކަކާއި ނުވަތަ ހުރަސްތައް ކުރިމަތިވެގެން ހިގައިދާނެ ޚިޔާލުތަފާތުވުން ތަކަކަށް މި ކޯޅުންތައް ވެގެންދިއުމަކީ އެންމެ އެކަށީގެންވާ ގޮތްކަމުގައި މިއަދު މިވަނީ ގަބޫލުރަން މަޖުބޫރު ވެފަައެވެ.

ސަބަބަކީ، ހުޅުމާލޭގެ ބިންތަކުގެ މިލްކުވެރިކަމުން ފެށިގެން، ސަރުކާރުކާރުން ކުރިޔަށް ގެންދާ ގައުމީ ތަރައްގީއާއި ގުޅުންހުރި ބޮޑެތި މަޝްރޫއުތަކަށް ހުރަސް އެޅުމަށްވެސް މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރާކަމުގެ ތުހުމަތު ސަރުކާރުގެ ވުޒާރާތަކުން މިހާރު އެ ކައުންސިލަށް ކުރަމުންދާތީއެވެ.
އެހެންނަމަވެސް، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަކީ، ސީދާ ގޮތެއްގައި މުނިސިޕަން ޚިދުމަތްތަކަށް އަމާޒު ކުރެވިފައި އޮތް، އަދި ތަރައްގީ ވިލަރެސް ކުރުމުގެ މަސްއޫލިއަޔަތު އުފުލަންޖެހޭ ތަންތަން ކަމުގައި ގަބޫލުކުރަން އެބަޖެހެއެވެ. ތަރައްގީއާއި ގުޅޭގޮތުން ކައުންސިލްތަކަށް އޮތް ހަމައެކަނި ދައުރަކީ ތަރައްގީ ވިލަރެސް ކުރުމެވެ. އެނޫން އެއްވެސް ދައުރެއް، މިސާލެއްގެ ގޮތުން، ޕްރޮޖެކްޓްތައް ހިންގުމަށްޓަކާ ކައުންސިލްތަކަށް ބަޖެޓް ދޫކުރެވި، ކައުންސިލްތަކުގެ ދައުރު މިހާރު މިއޮސޫލުން ފުޅާކުރެވިގެން ގޮސްފައި އޮތްނަމަވެސް، އެ ބާރުވެސް ކައުންސިލްތަކަށް ލިބިދީފައި އޮތީ ސަރުކާރުގެ މުވައްސަސާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެންކަން ފާހަގަ ކޮށްލާން ޖެހެއެވެ. މިނޫން އުސޫލަކުން މިކަން ހިގާނަމަ އުފެދިގެންދާނީ ޚިޔާލުތަފާތުވުމެވެ. ކައުންސިލްތަކުން ފޯރުކޮށްދޭން ޖެހޭ މުނިސިޕަންލް ޚިދުމަތްތަކަށް އަސަރު ކުރާނައެވެ. ގުރުބާން ވެގެން ދާނީ އާންމު ރައްޔިތުންނާއި އެ ރައްޔިތުންގެ މަސްލަހަތެވެ.
ސަބަބަކީ ރާއްޖޭގައި އޮތީ ޔުނިޓަރީ ދައުލަތަކަށް ވާތީއެވެ. ފެޑެރަލް ނިޒާމަކަށް ނުވާތީއެވެ. އަދި ސިޔާސީ ފިކުރު ކިތަންމެ ވަރަކަށް ތަފާތުވިޔަސް، މިނޫން އުސޫލަކުން ކައުންސިލްތަކަށް އަދި ހަރަކާތްތެރި ވެވެން ނެތުމުގެ ސަބަބުންވެސް މެއެވެ.
ކޮމެންޓު ފޮނުވާ