ދަރިވަރުން ސްކޫލަށްދާއިރު މާސްކްއެޅުން މަޖުބޫރެއްނޫން

ދަރިވަރުން ސްކޫލަށްދާއިރު މާސްކްއެޅުން މަޖުބޫރެއްނޫން

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2022 10:15
0

ދަރިވަރުން ސްކޫލްއަށް ހާޞިރުވާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެއް ނޫންކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމު ތަންތަނުގައި އުޅޭއިރު މާސްކްއަޅަން ނުޖެހޭގޮތަށް ނިންމުމާ ގުޅިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ ރޭޓް %20އަށްވުރެ ދަށްކޮށް އުޅޭ ރަށްރަށުގެ ސްކޫލްތަކަށް ދަރިވަރުން ފޮނުވާއިރު މާސްކް އެޅުން މަޖުބޫރު ނުވިނަމަވެސް ބެލެނިވެރިޔާއާއި ދަރިވަރުން ބޭނުންވާނަމަ މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެކަމަށާ ހައި ރިސްކް ދަރިވަރުން ސްކޫލްއަށް ހާޞިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާކަމެއްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމުގައި ނުވިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލްގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައްތައް ކުރިއަށްދާނެއެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ގޯސްވުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށް ކިޔަވައިދެމުން ގެންދިޔައީ އޮންލައިންކޮށެވެ. ނަމަވެސް ހާލަތު ބަދަލުވަމުން އަންނަ މިންވަރަށް ބެލުމަށްފަހު ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފެށިއެވެ. އަދި ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިޔައީ އަޅާ ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކުގައެވެ. މިގޮތުން ދަރިވަރުން ސްކޫލްގައި ހޭދަ ކުރާ ވަގުތުތަކުގައި މާސްކް އަޅަން ޖެހުނެވެ. މީގެ އިތުރަށް ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިޔައީ ގައިދުރުކަމާއެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.