މުޅި އިސްލާމީ އުންމަތާއި، ދިވެހި ރާއްޖެވަނީ އެކަހެރިވެފަ: ޔާމީން

މުޅި އިސްލާމީ އުންމަތާއި، ދިވެހި ރާއްޖެވަނީ އެކަހެރިވެފަ: ޔާމީން

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2022 06:58
0

މިއަދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ގެންގުޅެމުންދާ ގޮތުން ދިވެހި ރާއްޖެއާއި، މުޅި އިސްލާމީ އުންމަތް އެކަހެރި ވެފައިވާކަމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މަހިބަދޫގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާއިން އެޤައުމުގައި ދިރިއުޅޭ މުސްލިމު އަޚުންނާއިމެދު އަމަލު ކުރަމުންދާ ގޮތާއިމެދު މުޅި އިސްލާމީ އުއްމަތް އެކަމަމާއި ދެކޮޅު ހަދަމުންދާކަމަށެވެ.

ދުނިޔޭގެ ބޮޑެތި އިސްލާމީ ހުރިހާ ޤައުމަކުން އިންޑިއާގެ ސިޔާސަތުތަކާއިމެދު ނުރުހި، އެޤައުމުގެ އިސްލާމީ ރައްޔިތުންނާއިމެދު އަމަލު ކުރަމުންދާ ގޮތާއިމެދު ނުހަނު ކަންބޮޑުވާކަމަށެވެ. ނަމަވެސް ރާއްޖެއިން މިކަމުގައި އެއްވެސް ކަންބޮޑުވުމެއް ނެތްކަމީ މުޅި އިސްލާމީ އުއްމަތްވެސް އެކަމާއި ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ރާއްޖެއިން ޢަމަލު ކުރަމުންދާގޮތުން ދުނިޔޭގެ އިސްލާމީ ބޮޑެތި ޤައުމުތަކާއި މީގެ ކުރިން ރާއްޖެއާއި އޮތް އެތައް ތަނަކުން ހީނަރުވެ، ގުޅުން ކެނޑިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހީން އަބަދުވެސް ތިބެން ޖެހިފައި އޮތީ އިންޑިއާއަށް ޖިޒީ ދައްކައިގެން ޒާތަަކަށް އަޅުވެތި ވެގެން ކަމަށެވެ. އަދި އެކަން މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދޮގު ނުކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ތަގުރީރުގައިވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު ބޮޑު އަމުރަކީ އިންޑިއާ ސަރުކާރުން އަންގައިގެން ނެރެފައިވާ އަމުރެއް ކަމަށް ވިދާޅުވެފައެވެ. ވިދާޅުވީ އެއީ "ގައްދާރު"ވި ފަނޑިޔާރުންތަކެއް މެދުވެރިވެގެން އިންޑިއާ އެމްބަސީން ލިޔެ ނެރުނު އަމުރެއް ކަމަށެވެ. އެ އަމުރު ލިޔުނު މީހާ މިއަދުވެސް އިންޑިއާ އެމްބަސީގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ފަށާފައިވާ ހަރަކާތް އިތުރަށް ފުޅާކުރަން މަޖުބޫރުވެއްޖެ ކަމަށެވެ. އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިއްބުމުގެ އިތުރުން އިންޑިއާ އިން ދިވެހީންގެ ދާހިލީ ކަންކަމާއި ހާރިޖީ ކަންކަމަށް ބަސް ކިޔަމުންދާއިރު އެކަން ހުއްޓުވަންވެސް މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.