ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓްސް އެކަޑަމީ އާއި ހޭންޑްބޯލް އެސޯސިއޭޝަން ގުޅިގެން އެ ސިޓީގައި ކުރިއަށްގެންދިޔަ ބީޗް ހޭޑްބޯލް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޔުނިކް ފުރެންޑްސް އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދައިފިއެވެ.
ދެ ޑިވިޝަނަކަށް ބަހާލައިގެން ބޭއްވި މި މުބާރާތުގެ ފިރިހެން ޑިވިޝަން ހާއްސަ ކޮށްފައި ވަނީ އޮފީސްތަކަށެވެ. އަދި އަންހެން ޑިވިޝަން ހާއްސަކޮށްފައި ވަނީ މުޅިރަށަށެވެ.
މުބާރާތުގެ އަންހެން ބައިގެ ފައިނަލްގައި ޔުނިކް ފުރެންޑްސް ވާދަކުރީ ފެމެލީ ބޭކަރީ އާއެވެ. މި މެޗު ޔުނިކް ފުރެންޑްސް ކާމިޔާބު ކުރީ 6-4 އިންނެވެ. އަދި ފިރިހެން ބައިގެ ފައިނަލްގައި ކަސްޓަމްސް ވާދަކުރީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޓީމާއެވެ. މި މެޗު ކަސްޓަމުން ގެންދިޔައީ 15-16 އިންނެވެ. ކަސްޓަމުން މެޗް ކާމިޔާބު ކުރީ ގޯލްޑަން ގޯލުންނެވެ.
މި މުބާރާތުގެ އަންހެން ބައިގެ ރަނަރަޕް ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމު، އަދި ފިރިހެން ބައިގެ ރަނަރަޕް ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މީގެ އިތުރުން އަންހެން ޗެމްޕިއަން ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމު، އަދި ފިރިހެން ބައިގެ ޗެމްޕިއަން ޓީމަށްވެސް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔައީ މިމަހު 3ން 8އަށް ކުޅުދުއްފުށީ ހިއްކި ބިމުގައެވެ. މި މުބާރާތް އިންތިޒާމްކުރި ޑަބްލިއު ސްޕޯޓްސް އެކަޑަމީ އަކީ ކުޅުދުއްފުށީގައި ރަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި އެކި ކަހަލަ ކުޅިވަރު މުބާރާތްތައް ބާއްވާ އެކަޑަމީ އެކެވެ. އެގޮތުން މިދިޔަ އަހަރު އެ އެކަޑަމީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބޭއްވި ބީޗް ގޭމްސް ފާހަގަކޮށްލެވެއެވެ.