"ގްލޯރިއާ ޖީންސް ކޮފީ" 4 ވަނަ އައުޓްލެޓް މާދަމާ ހުޅުވަނީ!

"ގްލޯރިއާ ޖީންސް ކޮފީ" 4 ވަނަ އައުޓްލެޓް މާދަމާ ހުޅުވަނީ!

Author
ޢަލީ އާދަމް
09 މާރޗް 2022 05:40
0

އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ބްރޭންޑެއް ކަމަށްވާ، "ގްލޯރިއާ ޖީންސް ކޮފީ"ގެ 4 ވަނަ އައުޓުލެޓް މާދަމަ ހުޅުމާލޭގައި ހުޅުވަން ތައްޔާރު ވެއްޖެއެވެ.

މިއީ ހުޅުމާލޭގައި ހުޅުވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ 2 ވަނަ އައުޓްލެޓެވެ. މިތަން ހުންނަނީ އަމީން އެވެނިއު ފުރަތަމަ ފަންގިފިލާގައެވެ. މިތަން ހުޅުވުމާއެކު ހުޅުމާލޭގެ 2 އައުޓްލެޓާއި އެއާޕޯޓްގެ އައުޓްލެޓްގެ އިތުރުން މާލޭ ވެލާނާގެ ކުރިމަތީ ގައި ހުންނަ "ގްލޯރިއާ ޖީންސް ކޮފީ" އައުޓްލެޓާއެކު މި ފްރެންޗައިޒްގެ 4 ތަން ރާއްޖޭގައި ހުންނާނެއެވެ. ހުޅުމާލޭގައި ހުޅުވި ފުރަތަމަ ކޮފީޝޮޕް ހުންނަނީ ހުޅުމާލޭ ދިރާގު އިމާރާތް ހިމެނޭ ސަރަހައްދުން ގޮނޑުދޮށާއި ވީ ފަޅީގައެވެ.

ކޮފީގެ އިތުރުން ދިވެހިންނާގުޅޭ ތަފާތު ބާވަތްތަކުގެ ކެއުންތައް މާދަމާރޭ ހުޅުވާ އައުޓްލެޓުންވެސް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ދިވެހީންގެ މެދުގައި މަގުބޫލް ޗައިނީސް ކެއުންތައްވެސް މި އައުޓްލެޓުން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މާދަމާ ރޭ ނުވައެއް ޖަހާއިރު ރަސްމީކޮށް މި އައުޓްލެޓް ހުޅުވާނީ ބޮޑުބެރާއި ލައިވް މިއުޒިކާއެކު ބޭއްވޭ ހާއްސަ ރަސްމިއްޔާތެއްގައެވެ. ހުޅުވުމާއެކު ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓް ޕެކޭޖްތަކެއް ތައާރަފު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

120 މީހުންނަށް އެއް ފަހަރާ ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި އައުޓްލެޓްގައި އެކި ހަފްލާތައް ބޭއްވުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ. އަދި އޮފީސްތަކާއި ކުންފުނިތަކުގެ މުހިންމު ބައްދަލުވުންތަކާއި އިވެންޓްތަކަށްވެސް އެތަން ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ އެންމެ ޒަމާންވީ އެއް ކޮފީ ޗެއިން ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ 800 އަށް ވުރެ ގިނަ އައުޓްލެޓް ދުނިޔޭގެ 39 ގައުމެއްގައި ހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.