މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާ ބޭއްވުމަށް މިމަހުގެ 11 އިން 19 އަށް މާލޭ ސިންތެޓިކް ޓްރެކް ބަންދުވާނެ ކަމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހާމަކޮށްފިއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ސިންތެޓިކް ޓްރެކުގައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ބޮޑެތި ކުޅިވަރުތަކުން އަހަރުގެ އެންމެ މޮޅު ކުޅިވަރު ކުޅުންތެރިޔާ އަށާއި، ބައިނަލްއަގްވާމީ މައިދާނުގައި ކުޅިވަރުތަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެ ކުޅުންތެރިންނަށް އެވޯޑް ދިނުމަށް ބާއްވާ އެވޯޑް ނައިޓެކެއެވެ.
އެންމެ ފަހުން ސަރުކާރުން މިފަދަ އެވޯޑް ނައިޓެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން ކުޅިވަރު ކުޅުންތެރިން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެވޯޑް ދީފައިވަނީ އަމިއްލަ ނޫސްތަކުން އިސްނަގައިގެންނެވެ. އެގޮތުން ހަވީރު ނޫހުންނާއި މިހާރު ނޫހުން ވަނީ ކުޅިވަރު އެވޯޑް ދީފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގައި ނަން މަޝްހޫރު ކުރީގެ އަދި މިހާރުގެ އެތުލީޓުން ބައިވެރިވާނެކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ