މާދަމާ ފާހަގަކުރާ އަންހެނުންގެ ދުވަހު މާބޮނޑި، ފިނިފެންމާ، ކޭކް، ޗޮކްލެޓް ދިނުން ޖެންޑަ މިނިސްޓްރީން މަނާކޮށްފިއެވެ.
ކޮންމެ އަހަރެއްގެ މާރޗްމަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރައްވައި މިދިޔަ މަހުގެ 27 ގައި ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި ސިޓީއެއްގައި، އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ސަމާލުވާން މީގެ ކުރިން ކުރަމުންދިޔަ ގިނަ ކަންތައްތަކެއް ނުކުރުމަށް ވަނީ އަންގާފައެވެ.
އެގޮތުން ސާކިއުލާގައި މަރުހަބާ ކިޔަން ރަތް ދޫލަ އެޅުމާއި، މާބޮނޑި ދިނުމާއި، ފިނިފެންމާ ދިނުމާއި، ޗޮކްލެޓް ދިނުން ވަނީ މަނާ ކޮށްފައެވެ. އަދި ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ދިނުންވެސް ވަނީ މަނާކޮށްފައެވެ.
ސާކިއުލާގައި ބުނެފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރަން ވާނީ "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިއާރުގެ މަގްސަދު ހާސިލް ކުރެވޭނެ ގޮތަކަށެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރަން އެ ތަކެތި އަންހެނުންނަށް ހަދިޔާއަކަށް ނުދިނުމުގެ އިތުރުން ވަކި ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް (މިސާލަކަށް އަންހެނުންނަށް ހާއްސަ ކަމަށް ބައެއް މީހުން ގަބޫލުކުރާ ފިޔާތޮށި ކުލަ) ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ޖެންޑާ މިނިސްޓްރީން އެދެއެވެ.
މާދަމާ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު ގިނަ އޮފީސްތަކާއި، ސްކޫލު މަދަރުސާ ތަކުގައިވެސް މިދުވަސް ފާހަގަ ކުރާނެކަމަށް ބެލެވެއެވެ.
2 Responses
ޢަންހެނުންގެ ކުލައަކީ ފިޔާތޮށި މިނިސްޓްރީ އަކުން މަނާނުކުރެވޭނެ ވަކި ކުލައެއް ބޭނުން ނުކުރުމަކަށް.
މީހަކަށް ކިޔެވޭނެ އެންމެ ބޮޑަށް ކިޔެވިފަ ހުރި ގަމާރެއް