ރަޝިއާއި ދެކޮޅަށް، ހަގުރާމާއިގެ އެންމެ ކުރީ ސަފުގައި ހަނގުރާމަ ކުރަމުންދާ، ޔޫކުރެއިން އަސްކަރިއްޔާގެ ދެ ލޯބިވެރިޔަކު، ހަނގުރާމައިގެ މައިދާނުގައި ކައިވެނި ކޮށްފިއެވެ.
ދެ ލޯބިވެރިންވެސް ހަނގުރާމަކުރަމުން އަންނަނީ، ޔޫކުރެއިންގެ ވެރިރަށް، ކީވް ހިމާޔަތް ކުރުމަށްޓަކާ އެ ސިޓީގެ ދިފާއީ ލަޝްކަރުގެ އެންމެ ކުރީ ސަފުގައެވެ. ކައިވެނީގެ ރަސްމިއްޔާތުވެސް ބާއްވާފައިވަނި ހަގުރާމައިގެ މައިދާނުގައެވެ. އަދި ކައިވެނީގެ ހަފްލާގައި ދެ ލޯބިވެރިންވެސް ތިބީ އަސްކަރިއްޔާގެ ކެމޮފްލާޖް ޔުނީފޯމުގައެވެ. މި ހަފްލާގައި ބައިވެރި ވެފައިވަނީ މި ދެލޯބިވެރިންނާއެކީ ހަގުރާމާގައި ބައިވެރިކަމުންދާ ފައުޖުގެ ސިފައިންނެވެ.
ލެސްޔާ އަދި ވަލެރީ ނަމަކަށް ކިޔާ މި ދެ ލޯބިވެއިން ކައިވެނި ކުރުމަށްފަހު، ދެލޯބިވެރިން ހަގުރާމަ ކުރަމުންދާ ޔޫކުރެއިންގެ ޓެރިޓޯރިއަލް ޑިފެންސް ޔުނިޓުގައި ހިމެނޭ އެކުވެރިންވަންވަނީ އުފާ ފާޅުކުރުމުގެ ގޮތުގައި ހަގުރާމައިގެ މައިދާނުގައި ކުޑަ ހަފްލާއެއްވެސް ބާއްވާފައެވެ. އަދި މި ހަފްލާގައި ޔޫކުރެއިން ސިފައިންވަނީ މިއުޒިކް ކުޅެ އުފާ ފާޅުކޮށްފައެވެ.

ޔޫކުރެއިންގެ ވެރިރަށުގެ ދިފާޢުގައި ހަގުރާމަކުރަމުންދާ ދެ ލޯބިވެރިން ހަގުރާމައިގެ މައިދާނުގައި ކައިވެނި ކުރުމާއި ގުޅިގެން ވެރިރަށް ކީވްގެ މޭޔަރު ވަނީ ދެލޯބިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޔޫކުރެއިންގެ ކުރީގެ ބޮކްސިންގެ ޗެމްޕިއަން ވިޓަލި ކްލިޝްކޯވެސް ވަނީ ދެ ލޯބިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ.
މި ކައިވެނީގެ ވީޑިއޯވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައެވެ. އަދި ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކުވަނީ އަލަށް ކައިވެރިކުރި ދެ ލޯބިވެރިންނަށް މަރުހަބާ ކިޔާފައެވެ.

މީގެ 11 ދުވަސްކުރިން ރަޝިއާ ސިފައިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކުގައި، ރަޝިއާ ސިފައިންދަނީ ޔޫކުރެއިންގެ ވެރިރަށް ހިފުމަށް ކުރިޔަށް ޖެހެމުންނެވެ. އަދި މި ހަގުރާމާގައި ރަޝިއާގެ ޕޯޓު ސިޓީއެއް ކަމުގައިވާ ޚާސޮން މިހާރުވަނީ ރަޝިއާ ސިފައިންގެ ބާރުގެ ދަށަށް ގޮސްފައެވެ.
ކޮމެންޓު ފޮނުވާ