ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާދީ، އެގައުމަށް އަރައިގަތް ފަހުން، ފާއިތުވީ 11 ދުވަހުގެ ތެރޭގައި ރަޝިއާގެ 88 އެއަރކްރާފްޓް ހަލާކު ކޮށްލާފައިވާ ކަމަށް ޔޫކުރެއިންގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ޔޫކުރެއިންގެ ޑިފެންސް މިނިސްޓްރީން ކޮންމެދުވަހަކުވެސް އާންމު ކުރަމުންދާ މައުލޫމާތުތަކުގެ ތެރެއިން އެންމެ ފަހުން ހާމަ ކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން، ހަގުރާމަ ފެށުނުފަހުން، ރަޝިއާގެ 88 އެއަރކްރާފްޓަކާއި އަދި ހެލިކޮޕްޓަރވަނީ ހަލާކު ކޮށްލެވިފައެވެ. އަދި މި މައުލޫމާތުތައް ބުނާގޮތުން، ރަޝިއާގެ ގިނަ އަދަދެއްގެ ޕައިލެޓުންވެސް ތިބީ ހަގުރާމައިގެ އަސީރުންގެ ގޮތުގައި ޔޫކުރެއިންގައި ހައްޔަރު ކުރެވިފައެވެ.
ޔޫކުރެއިންގެ އަސްކަރިއްޔާއިން ގެންދަނީ، އެގައުމުގެ އިރު ދެކުނުގެ ސިޓީއެއް ކަމުގައިވާ މަރިއުޕޯލް ރަޝިއާ ސިފައިންގެ ބާރުގެ ދަށަށް ދިޔަ ނުދިނުމަށްޓަކާ ރަޝިއާ ސިފައިންނަށް ވަރުގަދަ ރައްދު ހަމަލާ ދެމުންނެވެ. ޔޫކުރެއިންގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، އެގައުމުގެ އޮޑެސާ ކައިރީގައި އޮންނަ މިކޮލައިވް ސަރަހައްދުން ވަނީ ރަޝިއާގެ ގިނަ އަދަދެއްގެ ހަގުރާމަމަތީ އުޅަދުފަހަރާއި ތަކެތިވެސް އަތުލައިގެންފައެވެ. އަދި ބުނެފައިވަނީ، ޔޫކުރެއިންގެ އަސްކަރިއްޔާއިން ދެމުންދާ ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުން ރަޝިއާ ސިފައިން ހިތްވަރު ބަލިވެގެން ގޮސްފައިވާ ކަމުގައެވެ.
ރަޝިއާއިން ޔޫކުރެއިންއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އެގައުމުގެ ގިނައަދަދެއްގެ ސިފައިން މަރުވެފައިވާ ކަމަށްވެސް ޔޫކުރެއިންވަނީ ބުނެފައެވެ. އެހެންނަމަވެސް، ރަޝިއާ ސިފައިންނަށް ލިބެމުންދާ ގެއްލުން އެގައުމުން ހާމަކުރަމުން ނުދާތީ މި މައުލޫމާތުތަކުގެ ސައްޙަކަން ކަށަވަރު ކުރެވޭނެ ގޮތެއް ވަނީ ނެތިފައެވެ. އެހެންނަމަވެސް، ކުރިން އަންދާޒާ ކޮށްފައިވާ މިންވަރަށްވުރެ ވަރުގަދަ ރައްދު ހަމަލާއާއި ޔޫކުރެއިންގެ އަސްކަރިއްޔާއިން ކުރިމަތިލާން ޖެހިފައިވާ ކަމަށް ރަޝިއާގެ އަސްކަރިއްޔާއިންވަނީ އެއްބަސް ވެފައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިތާ މިހާތަނަށް 11 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ރަޝިއާގެ ފުރިހަމަ ބާރުގެދަށަށް ގެންދެވިފައިވަނީ ޔޫކުރެއިންގެ އެންމެ ސިޓީއެކެވެ. އެއީ ޔޫކުރެއިންގެ ޕޯޓު ސިޓީއެއް ކަމުގައިވާ ޚާސޮންއެވެ. އެހެންނަމަވެސް މިސިޓީގައި މިހާރުދަނީ ރަޝިއާގެ އިސްތިއުމާރީ ބާރާއި ދެކޮޅަށް އާންމުން މަގުތަަކަށް އެއްވެ ވަރުގަދަ މުޒާހިރާތައް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ