ޤާނޫނުގައި ބަޔާންކުރާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މާރޗް 24 ގައި ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ޤާނޫނުގައި ބަޔާންކުރާ އަހަރަކު ބާއްވަންޖެހޭ ދެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ބާއްވާނެ ތާރީޚު ކަނޑައެޅުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ 42 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވަނީ މަޝްވަރާކުރެވިފައެވެ. ޖަލްސާގެ އިއްތިފާޤުން ފާސްވެފައިވަނީ މިއަހަރުގެ ފުރަތަމަ ބައްދަލުވުން 24 މާރޗް ވާ ބުރާސްފަތި ދުވަހުގެ ރޭ ކޮންމެ ދާއިރާއަކުން މަދުވެގެން 20 ރައްޔިތުން ހިމެނޭ ގޮތަށް މާހެފުމަކާއި އެކު ބޭއްވުމަށެވެ.
މިބައްދަލު ވުމާއި ގުޅޭގޮތުން މޭޔަރު ވިދާޅުވީ ކައުންސިލްތަކުން އެ ކައުންސިލެއްގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ރައްޔިތުންނާއި އަހަރަކު ދެފަހަރު ޤާނޫނީ ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށް ލާމަރުކަޒީ ޤާނޫނުގައި ޞަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އެ ބައްދަލުވުން ބޭއްވުމަށް ޤާނޫނުގައި ބަޔާންކުރަނީ ފެބްރުއަރީ މަހުގެ ނިޔަލަށް ނޫނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަމަށެވެ.
އެހެން ނަމަވެސް ކޮވިޑާއިއެކު ޢަމަލުކުރަންފެށި ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ވަކި ތާރީޚެއް އެލްޖީއޭއިން ކަނޑައަޅާފައި ނުވާކަމަށާއި، ޙާލަތު ރަނގަޅުވުމުން ވީހާވެސް އަވަހަށް އެ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް އެލްޖީއޭ އިން ލަފާ ދެއްވާފައިވާކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްދަލުވުން ކުރިއަށްއޮތް ރަމަޟާންމަހުގެ ކުރިން ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ ފުރަތަމަ ބައްދަލުވުން ބާއްވާ ތާރީޚް ފަސްކޮށްފިނަމަ ޤާނޫނުގައިބުނާ ދެވަނަ ބައްދަލުވުން ބާއްވާ ތާރީޚާއި މާބޮޑަށް ކައިރިވެދާނެ ކަމަށް ފެނިވަޑައިންނަވާތީ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މީގެ ކުރިން އަވަށްތަކުގެ މެދުގައި ބައްދަލުވުންތައް ބޭއްވިކަމުގައި ވީނަމަވެސް މިފަހަރު މޭޔަރު މުޢިއްޒު އެދިލައްވާފައިވަނީ މުޅި މާލެ ސިޓީ ތަމްސީލު ވާނެހެން ބޮޑު އެއް ބައްދަލުވުން ބޭއްވުމަށެވެ. ޤާނޫނީ ޢިޖްރާޢަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ބައްދަލުވުން ބޭއްވުމަށް ނިންމެވި ކަމުގައިވިޔަސް ކައުންސިލް ގެ މަޤްޞަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މަޤްޞަދަކީ މުޅި މާލެ ރިޕްރެޒެންޓް ވުން. އެންމެންނާއި ހަމަޔަށް ރީޗްވުން، ކޮންމެ ދާއިރާއެއް ރިޕްރެޒެންޓް ވީމަ މަޤްޞަދު ހާސިލްވާނީ.
– މުއިއްޒު ވިދާޅުވިއެވެ.
މޭޔަރުގެ ވިސްނުންފުޅަކީ އަށާރަ ދާއިރާގެ ކައުންސިލަރުންގެ މަސައްކަތުން އެދާއިރާ އަކުން މަދުވެގެން 20 ބޭފުޅުން މި ބައްދަލު ވުމުގައި ބައިވެރި ކޮށްދެއްވުމެވެ. އެހެން ނަމަވެސް އެއަށްވުރެ އިތުރަށްވެސް މި ޖަލްސާގައި މާލެ ސިޓީގެ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމަށް މޭޔަރާއި ކައުންސިލަރުން ފާހަގަ ކުރެއްވެވިއެވެ.
ކޮވިޑްގެ ޙާލަތާއި ގުޅިގެން 50 މީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައި އޮތް އޮތުން އެޗްޕީއޭ އިން ނިމުމަކަށް ގެނެސްފައިވީނަމަވެސް، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ގައިދުރުކަމާއިއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ލުއިތަކެއް ދެއްވާފައެވެ. ރައްޔިތުންގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ކޮމެންޓު ފޮނުވާ