އިންޑިއާ އައުޓް ލިޔެގެން ހައްޔަރުކުރި ޒުވާނުން ދޫކޮށްލުމަށް ގޮވާލައިފި

އިންޑިއާ އައުޓް ލިޔެގެން ހައްޔަރުކުރި ޒުވާނުން ދޫކޮށްލުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2022 08:22
0

ޢާންމު ތަނެއްގައި އިންޑިއާ އައުޓް ލިޔެގެން އިއްޔެ ހައްޔަރު ކުރި ށ. ފޭދޫ 2 ޒުވާނުން މިހާރުން މިހާރަށް ދޫކޮށްލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ށ. ފޭދޫ ޢާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހިކަމަށް ބުނެ، އިއްޔެގެ ވަގުތެއްގައި އެ ރަށު ޒުވާން 2 ކުއްޖަކު ހައްޔަރުކޮށް، ރޭ ހަތަރުދަމު ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގައި ބޭތިއްބުމަށްފަހު، މިއަދު ކޯޓަށް ގެންގޮސް އެ ޒުވާނުންގެ ބަންދަށް ވަނީ 7 ދުވަސް ޖަހާފައެވެ.

ޕީޕީއެމުން ބުނެފައިވަނީ، ޢިމާރާތެއްގެ ފާރެއްގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުޢޫރެއް ދުލާއި ގަލަމުން ފާޅުކުރުމަކީ ދިވެހިޖުމްހޫރިއްޔާއާއި ޤާނޫނުތައް ހުއްދަ ކުރާކަމެއްކަމަށެވެ. އަދި އެފަދަ ކަމެއް މަނާކުރާ އެއްވެސް ޤާނޫނެއް ނެތް އިރު، އެފަދަ ޝުޢޫރެއް ޢާންމު ތަނެއްގައި ބަޔަކު ލިޔުން އެއީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި ހައްޔަރުކޮށް މުއްދަތު ޖަހާ ހިލިހިލާ ޖަހަގެން ގެންގުޅުން މިއީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

އެހެންކަމުން ޢާންމު ތަނެއްގައި އިންޑިއާ އައުޓް ޖެހި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ށ. ފޭދޫ ޒުވާން 2 ކުދިން މިހާރުން މިހާރަށް ދޫކޮށްލުމަށް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ. އަދި މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ފިޔަވަޅު އެޅުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށްވެސް ވަނީ ގޮވާލާފައެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ހުއްދަ ހޯދަން ޖެހޭ ހިސާބަށް ޤައުމު ގޮސްފައިވާތީ ހިތާމަކުރާކަމަށްވެސް މިބަޔަނުގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.