ރަޝިއާއިން އެގައުމުގެ މިނިވަންކަމަށް އަރައިގަތް މައްސަލަ ޔޫކުރެއިން ބައިނަލްއަގުވާމީ ޖިނާޢީ ކޯޓަށް ހުށަހަޅައިފި

ރަޝިއާއިން އެގައުމުގެ މިނިވަންކަމަށް އަރައިގަތް މައްސަލަ ޔޫކުރެއިން ބައިނަލްއަގުވާމީ ޖިނާޢީ ކޯޓަށް ހުށަހަޅައިފި

Author
ހުސެއިން
27 ފެބްރުއަރީ 2022 06:06
0

ރަޝިއާއިން އެގައުމުގެ މިނިވަންކަމަށް އަރައިގަނެ، އެގައުމަށް އުދުވާނީ ހަމަލާ ދެމުންދާ މައްސަލަ ޔޫކުރެއިން ބައިނަލް އަގުވާމީ ޖިނާޢީ ކޯޓަށް ހުށަހަޅާފައިވާކަން، ޔޫކުރެއިންގެ ރައީސް ވޮލޮޑޮމިރު ޒެލެންސްކީ ހާމަ ކުރައްވައިފިއެވެ.

ސެލެންސްކީ ކުރެއްވި ޓޫވީޓެއްގައި ވިދާޅުވެފައި ވަނީ، އެގައުމުން މައްސަލް ޔޫއެންގެ އެންމެ މަތީ ކޯޓު، ދަ ހޭގަށް ހުށަހަޅާފައި ވާކަމަށެވެ.

"ގަތުލުއާންމެއްގެ ވާހަކައިން އޮޅުވާލައިގެން، ބޮޑު އުދުވާނެއް ހިންގަމުންދާ މައްސަލާގައި ރަޝިއާ ޒިންމާދާރު ކުރެވެން ވާނެ،" ޒެލެންސްކީ ވިދާޅުވެފައި ވެއެވެ. އޭނާ ވަނީ ރަޝިއާއިން އެގައުމާ ދެކޮޅަށް ހިންގަމުންދާ އުދުވާން ވަގުތުން ހުއްޓާލުމަށް އަމުރުކުރުމަށްވެސް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި އޭނާވަނީ އެދިވަޑައިގެންފައެވެ. އަދި ވަރަށް އަވަހަށް މައްސަލައިގެ ޝަރީޢަތް ފެށިގެންދާނެމަށް އުއްމީދު ކުރައްވާކަމަށްވެސް ޒެލެންސްކީގެ ޓުވީޓުގައި އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ 4 ދުވަސްކުރިން ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން، ހުޅަނގުގެ ގައުމުތަކުން މިހާރު ނިންމާފައިވަނީ، ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ސުވިފްޓް ނެޓްވާކުން ރަޝިއާގެ ބައެއް ބޭންކުތައް ބޭރުކުރުމަށެވެ.

ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން މިހާރު މައުލޫމާތު ދޭގޮތުގައި ރަޝިއާގެ އަސްކަރިއްޔާއިން މިހާރުވަނީ ޔޫކުރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ކާކިވްއަށް ވަދެގެންފައެވެ. އަދި އެ ސިޓީގައި މިހާރު ހަގުރާމަ ހިގަމުންދަނީ ސިޓީގެ މަގުތަކުގައި ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެހެންނަމަވެސް ޔޫކުރެއިންގެ ރަސްމީ ފަރާތްތަކުން ބުނެފައިވަނީ އެސިޓީ އަދިވެސް ކޮންޓްރޯލް ކުރަމުންދަނީ ޔޫކުރެއިން ކަމުގައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށުމާއި ގުޅިގެން، ޔޫރްޕްގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތަކުން ރަޝިއާގެ ފްލައިޓްތަކަށް ދަތުރުކުރުން މިހާރުވަނީ މަނާ ކޮށްފައެވެ. މިގޮތުން އެންމެ ފަހުން ރަޝިއާގެ ފްލައިޓަތަކަށް ވައިގެ ސަރަހައްދު ބަންދު ކޮށްފައިވާ ގައުމުތަކަކީ ޖާރމަނީއާއި ފިންލޭންޑެވެ.

މިދެގައުމުގެ އިތުރުން، ސުވިޑެން، ޑެންމާކު، އައިސްލޭންޑުންވެސް މިހާރުވަނީ ރަޝިއާގެ ފްލައިޓްތައް އެގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފައެވެ.

ޖާރމަނީން ބުނެފައިވަނީ އެގައުމުގެ ވައިގެ ސަރަހައްދު ކުރިޔަށް އޮތް 3 މަސްދުވަހު ރަޝިއާގެ ފްލައިޓް ތަކަށް، މިހަފްތާގެ އާދީއްތަ ދުވަހުންފެށިގެން ބަންދު ކުރެވިފައި ބޭއްވޭނެ ކަމަށާއި، މި މުއްދަތުގައި އެގައުމަށް އައުން ހުއްދަ ކުރެވޭނީ ހަމައެކަނި އިންސާނީ އެހީތެރިކަމަށްޓަކާ އެގައުމަށް ދަތުރު ކުރަންޖެހޭ ފްލައިޓްތަކަށް އެކަނި ކަމުގައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރަޝިއާގެ ފްލައިޓްތަކަށް ވައިގެ ސަރަހައްދު މިހާތަނަށް ބަންދު ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިތުރުން، ޕޮލޭންޑް، ބަލްގޭރިއާ، ޗެލް ރިޕަބްލިކް، ރޫމޭނިއާގެ އިތުރުން ބޯލްޓިކް ގައުމުތައް ކަމުގައިވާ ލިތުއޭނިއާއާއި، އެސްޓޯނިއާވެސް ހިމެނެއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.