ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބޭނުންކުރުން ރަޝިއާގެ ފްލައިޓްތަކަށް މަނާކޮށްފި

ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބޭނުންކުރުން ރަޝިއާގެ ފްލައިޓްތަކަށް މަނާކޮށްފި

Author
ހުސެއިން
27 ފެބްރުއަރީ 2022 05:35
0

ޔޫރްޕްގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތަކުން ރަޝިއާގެ ފްލައިޓްތަކަށް ދަތުރުކުރުން މަނާ ކޮށްފިއެވެ. މިގޮތުން އެންމެ ފަހުން ރަޝިއާގެ ފްލައިޓަތަކަށް ވައިގެ ސަރަހައްދު ބަންދު ކޮށްފައިވާ ގައުމުތަކަކީ ޖާރމަނީއާއި ފިންލޭންޑެވެ.

މިދެގައުމުގެ އިތުރުން، ސުވިޑެން، ޑެންމާކު، އައިސްލޭންޑުންވެސް މިހާރުވަނީ ރަޝިއާގެ ފްލައިޓްތައް އެގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފައެވެ.

ޖާރމަނީން ބުނެފައިވަނީ އެގައުމުގެ ވައިގެ ސަރަހައްދު ކުރިޔަށް އޮތް 3 މަސްދުވަހު ރަޝިއާގެ ފްލައިޓް ތަކަށް، މިހަފްތާގެ އާދީއްތަ ދުވަހުންފެށިގެން ބަންދު ކުރެވިފައި ބޭއްވޭނެ ކަމަށާއި، މި މުއްދަތުގައި އެގައުމަށް އައުން ހުއްދަ ކުރެވޭނީ ހަމައެކަނި އިންސާނީ އެހީތެރިކަމަށްޓަކާ އެގައުމަށް ދަތުރު ކުރަންޖެހޭ ފްލައިޓްތަކަށް އެކަނި ކަމުގައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރަޝިއާގެ ފްލައިޓްތަކަށް ވައިގެ ސަރަހައްދު މިހާތަނަށް ބަންދު ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިތުރުން، ޕޮލޭންޑް، ބަލްގޭރިއާ، ޗެލް ރިޕަބްލިކް، ރޫމޭނިއާގެ އިތުރުން ބޯލްޓިކް ގައުމުތައް ކަމުގައިވާ ލިތުއޭނިއާއާއި، އެސްޓޯނިއާވެސް ހިމެނެއެވެ.

މީގެ 4 ދުވަސްކުރިން ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން، ހުޅަނގުގެ ގައުމުތަކުން މިހާރު ނިންމާފައިވަނީ، ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ސުވިފްޓް ނެޓްވާކުން ރަޝިއާގެ ބައެއް ބޭންކުތައް ބޭރުކުރުމަށެވެ.

ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން މިހާރު މައުލޫމާތު ދޭގޮތުގައި ރަޝިއާގެ އަސްކަރިއްޔާއިން މިހާރުވަނީ ޔޫކުރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ކާކިވްއަށް ވަދެގެންފައެވެ. އަދި އެ ސިޓީގައި މިހާރު ހަގުރާމަ ހިގަމުންދަނީ ސިޓީގެ މަގުތަކުގައި ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެހެންނަމަވެސް ޔޫކުރެއިންގެ ރަސްމީ ފަރާތްތަކުން ބުނެފައިވަނީ އެސިޓީ އަދިވެސް ކޮންޓްރޯލް ކުރަމުންދަނީ ޔޫކުރެއިން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.