ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ލީޑަރޝިޕް ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި އޮތީ ނިދާފައި ކަމަށާއި، ކުރިއަށް އޮތް 2023 އެމްޑީޕީއަށް ކާމިޔާބު ވާނީ އެމްޑީޕީ ހިންގާލެވޭ ވަރުގެ ބޭފުޅަކު ޗެއާޕާސަންގެ މަޤާމަށް އިންތިޚާބު ވެގެންކަމަށް އެމްޑީޕީގެ މަޖލިސް މެމްބަރުން ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިލަންދޫގައި ބޭއްވި ޖަލްސާގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންވަނީ ބައިވެރިވެ ވާހަކަ ދައްކަވާފައެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވިދާޅުވީ، އެމްޑީޕީއަށް 2023 ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
އަޅުގަނޑުމެންގެ އޮޑި ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ. އޮޑީގައި ވަނީ ފައިބަރު ޖަހައި ސްޕީޑު ބާރުކުރަންޖެހިފަ. މިއޮޑީގައި ފައިބަރު ޖަހައި ސްޕީޑު ބާރު ކުރާނީ ފައްޔާޒު. ހަމަ ހަަގީގަތުގައިވެސް ފައްޔާޒު އެމްޑީޕީ ފިސާރި ރަނގަޅަށް ހިންގާނެ. ފައްޔާޒަކީ ހިންގުންތެރި ބޭފުޅެއް.
– ސަނީފް ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ، އެމްޑީޕީގެ ލީޑަރޝިޕުން އާންމު މެމްބަރުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ކަންކަންވެސް އޮތީ ހުއްޓިފައިކަމަށެވެ. އެމްޑީގެ އެންމެ ފަހުގެ ލީޑަޝިޕްގައި މިދިޔަ ތިން އަހަރު ވީއިރު ވެސް ށ. މިލަންދޫ ދާއިރާ އިން ރަޖިސްޓަރީ ކުރަން އެ ޕާޓީގެ އޮފީހަށް ހުށަހެޅި ގޮފިތަކަށް ވީނުވީއެއް ނޭނގި އެކަމުގެ ޝަކުވާ އަދިވެސް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގޮފިތަކަށް ވީ ގޮތެއް އަދި އަދަށް ދާންދެން ވެސް ނޭނގޭ. ކުޑަ ވާހަކައެއް މި ދަންނަވާލީ.
– އަލީ ރިޒާ ވިދާޅުވިއެވެ.
މިޖަލްސާގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ރިފޯމް ކުރަން ޖެހިފައިކަމަށެވެ. އެމްޑީޕީއަށް ކުރިއަށް އޮތީ ވަރަށް ބޮޑު އިމްތިހާނެއްކަމަށާއި، 2023 ވަނަ އަހަރުގެ އިންތިޚާބާއި ކުރިމަތިލާއިރު މިހާރު އެމްޑީޕީ ހިންގާ ގޮތަށް ހިންގައިގެން ވެރިކަމާއި ހަމައަށް ނާދެވޭނެކަމަށް އިކްރާމް ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑަރޝިޕް ހަރުދަނާ ކުރުމަށް ފައްޔާޒު އިންތިޚާބު ކުރުމަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކަނޑެތީމު ދާއިރާގެ މެމްބަރު އަބްދުލް ޝަހީމް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ހާލަތާއި ވަގުތަށް ބަލައި މަޤާމުތަކަށް އެންމެ ޤާބިލް ބޭފުޅުން އިންތިޚާބުކޮށްގެން ކުރިއަށްދާ ޕާޓީކަމަށެވެ. މިހާރު އެމްޑީޕީ އޮތީ އެންމެ ރަނަގަޅު ހާލަތެއްގައި ނޫންކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިއިންތިޚާބުގައި ފައްޔާޒު ނޫން އިތުރު ޗޮއިސްއެއް ނެތްކަމަށެވެވެ.
އަޅުގަނޑުމެންނަކީ އަބަދުވެސް އެވަގުތަކާއި ހާލަތަށް ބަލައި ކަންކަން ނިންމައި، ކުރިއަށް ޕާޓީއެއް. އަޅުގަނޑުމެންނަށް މިހާލަތުގައި އެންމެ ރަނގަޅު ޗޮއިސްއަކީ މިނިސްޓަރ ފައްޔާޒު. އަޅުގަނޑު ދަންނަވާލާނީ ދެން ވާދަކުރައްވާ ބޭފުޅުން އެހެން ފަހަރަކަށް މަޑުކޮށްލާށޭ.
– ޝަހީމް ވިދާޅުވިއެވެ.
ފައްޔާޒަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮވެ، އެމްޑީޕީގެ މެމްބަރުން ބޭނުންވާ ކަންކަން ނުވުމަކީ މައްސަލައެއްކަމަށެވެ. ޚާއްސަކޮށް އެމްޑީޕީއާއި ސަރުކާރާއި ގުޅުވާލެވޭ މަގެއް ނެތުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. ނަމަވެސް މިނިސްޓަރ ފައްޔާޒު އިންތިޚާބު ވުމުން އެމްޑީޕީއާއި ސަރުކާރާއި ގުޅުވާލެވި، ފިސާރި ރަނގަޅަށް ހިންގާލެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަތުގައި ސަރުކާރުގައި އޮވެ، އެމްޑީޕީއާއި ސަރުކާރާއު ގުޅުވާލޭ ފާލަމެއް އެބަ ބޭނުންވޭ. އެފާމަލަކީ މިނިސްޓަރ ފައްޔާޒު. އެކަމާއި އަޅުގަނޑުމެން ޝައްކު ނުކުރަން. ރައީސުލްޖުމްހޫރިއްޔާއާއި، އެންމެ އަރިސް ވަޒީރަކީވެސް މިނިސްޓަރ ފައްޔާޒު.
– ޝަރީފް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ފައްޔާޒު ވެސް ވަނީ އެމްޑީޕީގެ އެތެރޭގެ ބައެއް މައްސަލަތައް ފާހަގަކުރައްވައިފައެވެ. ހާއްސަކޮށް، ގޮފިތަކާއި ބައެއް މުހިންމު ކޮމިޓީތައް އެކަށީގެންވާ ގޮތަށް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. މިޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އަތޮޅު ތެރޭގައި އެމްޑީޕީގެ ހަރަކާތްތައް ނުހިނގާ އޮތުމެވެ. ޚާއްސަކޮށް ވެރިކަމުގައި އޮވެ އެމްޑީޕީ އާއި ސަރުކާރާއި އޮތް ގުޅުން ކުޑަކަން މެމްބަރުންވެސް ވަނީ ފާހަގަކޮށްފައެވެ.
މިޖަލްސާގައި ފައްޔާޒު ވަނީ އޭނާއަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ކުރިން ރާއްޖެ ދެކުނުފަދަ ދުވަސްތަކަށް ޖާގަ ނުދީ އެމްޑީޕީގެ ވެރިކަމެއް އަނެއްކާވެސް ގެނައުންކަމަށެވެ. އެކަން ކުރެވޭނީ އޭނާއަށް ޕާޓީ ތެރެއިން ޖާގަ ލިބިގެން ކަމަށާއި، ޗެއާޕާސަންގެ މަޤާމަށް އިންތިޚާބުވުމުން މަސައްކަތް ހުއްޓާލާނީ 2023 ކާމިޔާބު ކޮށްފައިކަމަށް ފައްޔާޒު ވިދާޅުވިއެވެ.