ޓެރަރިސްޓް ޖަމަޢާތެއްކަމަށްވާ އިސްލާކިމް ސްޓޭޓް ނުވަތަ އައި.އެސް ޖަމާޢަތާ ގާތްގުޅުމެއް އޮވެގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ދިވެހި މީހާގެ ގެއިން ޑިޖިޓަލް އެވިޑެންސްތަކެއް ހޯދައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔޫރޮޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ ދެ އިދާރާއަކާއި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން، 2022 ޖެނުއަރީ 06 ވަނަ ދުވަހު ދިވެހިރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއްވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިކަމަށެވެ.
މީނާއަކީ 2015 ވަނަ އަހަރުންފެށިގެން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ދިވެއްސަކު އިސްކޮށް ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެވިފައިވާ މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
މިގޮތުން ޓެލެގްރާމް އަދި އެނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިންގ ޕްލެޓްފޯމްތަކުގައި "ސްކާރމިޝް"، "ސްކާރމިކިޑް" އަދިވެސް އެހެނިހެން އެކި ނަންނަމުގައި އެކައުންޓްތައް ހަދައި، ސޯޝަލް މީޑިއާ ގުރޫޕްތަކުގައި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުން މީނާ ދައުރު ކުރަމުން ގޮސްފައިވާކަމަށެވެ.
އަދި މީނާ ދައުރު ކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި، ލިޔުންތައް ހުންނަނީ އެކި ޤައުމުތަކަށް އަމާޒުކޮށް، އެ ޤައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަން މިހާތަނަށް ފާހަގަ ކުރެވިފައިވާކަމަށެވެ. އިތުރަށް ބެލިބެލުމުން، މި ގުރޫޕްތައް މެދުވެރިކޮށް، ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި، އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ ބިރުދައްކައި އިންޒާރުދެމުން ގޮސްފައިވާކަންވެސް ފާހަގަ ކުރެވިފައިވާކަމަށެވެ. މީނާ ސޯޝަލް މީޑިއާގައި ފަތުރައި، ޝާއިއުކޮށްފައިވާ ބައެއް ކޮންޓެންޓްތަކަށް ބަލާއިރު ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް ގޮވާލައި، އެފަދަ ކަންކަން ކުރުމަށް ހިތްވަރުދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި، އެ ގައުމުތަކުގެ ރައްޔިތުންނަށާއި، އެ ގައުމުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި، އެކަމަށް ހިތްވަރުދެމުން ދިޔަކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ