ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމާ ދެކޮޅަށް އުދުވާނީ ހަމަލާ ދޭން ފަށާފައިވާއިރު، ރަޝިއާއި ދެކޮޅަށް އިގްތިސަދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ގައުމުތަކާއި އޮސްޓްރޭލިއާގެ އިތުރުން ތައިވާން ގުޅިއްޖެއެވެ. އަދި މީގެ އިތުރުން ޖަޕާނުން ވަނީ އެގައުމުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މި ފިޔަވަޅުތައް ރަޝިއާގެ އަސްކަރިއްޔާއާއި އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް ފުޅާ ކުރާނެކަމަށް ބުނެފައެވެ. ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެފައިވަނީ، އެހެންނަމަވެސް ރަޝިއާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އޭގެ އަސަރު ޖަޕާނުގެ ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.
ޖަޕާނުން ރަޝިއާއާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރާނެކަމަށް ބުނެފައިވާއިރު، ޓައިވާންއާއި އޮސްޓްރޭލިއާއިންވެސް ވަނީ ރަޝިއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން ހާމަ ކޮށްފައެވެ. މިގޮތުން ރަޝިއާއާއި ދެކޮޅަށް ފިޔަވަޅު އަޅުމުންދާ ގައުމުތަކާއި ގުޅުމަށް ނިންމާފައިވާ ކަން ޓައިވާންގެ ރައީސް ސޫ ސެންގ ޗަން އިއުލާން ކުރި ނަމަވެސް އެގައުމުން ރަޝިއާއާއި ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ޓައިވާންއަކީ ޗައިނާއިން އެގައުމުގެ ސަރަހަދެއް ކަމުގައި ދައުވާކުރާ ގައުމެކެވެ. އަދި ޗައިނާއިންވަނީ ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކުރުމަށް ފަސްޖެހިފައެވެ. އޭގެ ބަދަލުގައި ޗައިނާއިން ބުނެފައިވަނީ، އެގައުމުން ބޭނުންވަނީ ހުރިހާ ފަރާތްތަކުންވެސް އެއްބަޔަކު އަނެއް ބައެއްގެ ސެކިއުރިޓީ ޑިމާންޑްތަކަށް އިހުތިރާމް ކުރުމަށް ކަމުގައެވެ.
ޓައިވާންގެ އިތުރުން އޮސްޓްރޭލިއާންއިންވެސް ވަނީ ރަޝިއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. މިގޮތޮތުން އޮސްޓްރޭލިއާއިންވަނީ ރަޝިއާގެ މުއްސަދި މަހުޖަނުންނަށާއި އަދި އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ ގިނަ އަދަދެއްގެ މެމްބަރުންނަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒު ކޮށްފައެވެ.
ރަޝިއާއިން ޔޫކުރެއިން އަރާ އެގައުމުގެ މިނިވަންކަން ނަގާލުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން ދަނީ ރަޝިއާއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ރަޝިއާއި ދެކޮޅަށް އަޅާނޭ އިތުރު ފިޔަވަޅުތައް އެންމެ ފަހުން އާންމު ކޮށްފައިވަނީ އެމެރިކާއިންނެވެ.
ޔޫކުރެއިންއަށް ހުރިހާގޮތަކުންވެސް އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމަށް ވައުދުވަމުން، ރަޝިއާއި ދެކޮޅަށް އެމެރިކާއިން އަލަށް އަޅާ ފިޔަވަޅުތައް އިއުލާން ކުރަމުން ބައިޑްން ވިދާޅުވެފައިވަނީ ފިޔަވަޅުތަކުގެ އަމާޒަކީ ރަޝިއާގެ އިގުދިސާދު ފުނޑާލުން ކަމަށާއި، މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާއިއެކީ ވިޔަފާރި ކުރުން ހުއްޓުމަކަށް ގެނައުމުގެ އިތުރުން ރަޝިއާގެ ރައީސް ޕުޓިންގެ އެންމެ ގާތް ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅުތައް އަމާޒު ކުރެވިގެން ދާނެކަމަށެވެ.