ޔޫކްރެއިންގެ ހަނގުރާމަވެރި ސަރަޙައްދުތަކުގައި މިވަގުތު ތިބި ދިވެހި 5 ދަރިވަރުން، ރައްކާތެރި ސަރަޙައްދަކަށް ބަދަލުކުރެވޭނެ ގޮތްތަށް ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީއިން ވިދާޅުވީ ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ ގުޅިގެން، އެ ސަރަޙައްދުގެ ރަޙުމަތްތެރި ޤައިމުތަކުގެ އެހީ މިކަމުގައި ހޯދަމުންދާކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރި ހިސާބަށް ބަދަލުކޮށް، އެ ދަރިވަރުންނަށް އެހީތެރިކަން ދެވޭނެ ގޮތްތައް އެ ޤައިމުތަކާ ގުޅިގެން ހޯދަމުންދާކަމަށެވެ.
5 ދަރިވަރުން ތިބީ ޔޫކްރެއިންގެ 3 ސިޓީއެއްގައެވެ. މި ކުދިންގެ ޙާލު ގާތުން ބަލަމުންދާކަމަށާއި، މިވަގުތަށް ހުރިހާ ކުދިންގެ ޙާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ. އަދި އެ ކުދިންނަށް ބޭނުންވާ ޒަރޫރީ ތަކެތިވެސް މިވަގުތު އެކަށީގެންވާ މިންވަރަށް ހުރިކަމަށް މިނިސްޓްރީއިންވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން ފެނާއި ކާބޯތަކެއްޗާއި، އަދި ބޭނުންވާ މިންވަރަށް ފައިސާވެސް ހުރިކަމަށް މިނިސްޓްރީއިން މަޢުލޫމާތުދީފައިވެއެވެ. މި ދަރިވަރުންގެ ޙާލަތު ގާތުންބަލާ އެ ކުދިންނާއި ކުރަންޖެހޭ މުޢާމަލާތް ކުރަމުންދަނީ ޖަރުމަނުގެ ބާލީގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށެވެ.
ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރުގެ އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައިގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. މީގެތެރެއިން ޔޫކްރެއިން-ރަޝިޔާ ބޯޑަރުގެ ކައިރީގައި ދިރިއުޅެމުންދިޔަ 30 ދަރިވަރުން މިހާރުވަނީ ރާއްޖެ އައިސްފައެވެ.
ޔޫކްރެއިނާއި ދެކޮޅަށް ރަޝިއާއިންމިއަދު ހަނގުރާމަ ފެށިއިރު، މިއީ ފަށާނެ ހަނގުރާމައެއްކަން ދުރާލައި އިންޒާރުލިބި އެތަނުގައިތިބި ދިވެހި ދަރިވަރުން ގެންނަން ވަގުތު ލިބުނު ނަމަވެސް ސަރުކާރުން އެކަމަށް މާބޮޑު އިޖާބައެއް ދީފައި ނުވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވަނީ ވިދާޅުވެފައެވެ.
ރަޝިއާއިން އިރުމަތީ ޔޫކުރެއިންއަށް އެރުމާއި ގުޅިގެން، ޔޫކުރެއިންގެ ފޮރިންގ މިނިސްޓަރވަނީ، ރަޝިއާއިން މުޅި ޔޫކުރެއިން ހިފުމުގެ ހަގުރާމަ ފަށާފައިވާ ކަމަށް ވިދާޅުވެ، ރަޝިއާގެ އުދުވާން ހުއްޓުވައި ދިނުމަށް ޔޫއެންގެ ކިބައިން އެދިފައެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑްންވަނީ، އެތައްބައެއް ފުރާނަ ގެއްލިގެން ދާނެކަމަށް ވިދާޅުވެ، މުޅި ދުނިޔެ އެކަތިގަޑެއްގެ ގޮތުގައި، ރަޝިއާ ޒިންމާދާރު ކުރުވާނެކަމުގެ އިންޒާރުވެސް ދީފައެވެ.
އަދި ރަޝިއާއި ދެކޮޅަށް އަޅާނެ އިތުރު ފިޔަވަޅުތައް އިއުލާން ކުރެއްވުމަށްޓަކާ ބުރާސްފަތި ދުވަހު ބައިޑްން އެމެރިކާގެ ރައްޔިތުންނާއި މުޚާތަބް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނޭޓޯގެ ޗީފް ޖެންސް ސްޓޮލްޓެމްބާގް ވިދާޅުވެފައިވަނީ މި ދަތި އުދަގޫވަތު ނޭޓޯ އޮތީ ޔޫކުރެއިންއާއެކު ކަމަށާއި، ނޭޓޯގެ ހުރިހާ ބައިވެރިންވެސް ހިމާޔަތް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ޔޫކުރެއިންގެ ރައީސް ވޮލޮޑިމިރު ޒެލެންސްކީ ވިދާޅުވެފައިވަނީ، ރަޝިއާއިން ޔޫކުރެއިންއަށް އެރުމަކީ މުޅި ޔޫރަޕްގެ ބައްރާއި ދެކޮޅަށް ރަޝިއާއިން ކުރިޔަށް ގެންދާނެ ހަގުރާމައިގެ ފެށުން ކަމުގައެވެ. އަދި ރޭގެ ދަންވަރު އެގައުމުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ޒެކެންސްކީވަނީ، އެގައުމަށް ރަޝިއާއިން ހަމަލާ ދީފިނަމަ އެގައުމު ދިފާއު ކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ޔޫކުރެއިންއިން މިއަދުވަނީ އެގައުމުގެ ވެރިރަށް ކީވްގައި، ރޭގެ ދަންވަރު 12އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ