އޭސީސީގެ މެންބަރުކަމަށް ފްލެޓް ކޮމިޓީގެ ޠަޙާގެ އިތުރުން އޭސީސީގެ އިންވެސްޓިގޭޓަރުން

އޭސީސީގެ މެންބަރުކަމަށް ފްލެޓް ކޮމިޓީގެ ޠަޙާގެ އިތުރުން އޭސީސީގެ އިންވެސްޓިގޭޓަރުން

Author
މުޙައްމަދު ޖިމީ
24 ފެބްރުއަރީ 2022 09:12
0

އޭސީސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެތެރޭގައި ހިޔާ ފްލެޓްގެ މައްސަލަތައް ހަލުކޮށް ފްލެޓް ލިބޭ މީހުންގެ ލިސްޓް ޢާންމުކުރި ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދާއި، އޭސީސީގައި މަސައްކަތްކުރެއްވި ބޭފުޅުން ހިމެނޭކަން ހާމަވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެމްބަރުންގެ އައްޔަން ކުރުމަށް، ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ. މަޖިލީހަށް ނަންތައް ފޮނުއްވާފައިވާކަން ރައީސް އޮފީހުން ޔަގީން ކޮށްދީފައިވާ ނަމަވެސް، ރައީސް އޮފީހުން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ނަންތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަ ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް އެ ނަންތައް ޚަބަރު އޮންލައިނަށް ވަނީ ޔަޤީންކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ޝާމިލް އާދަމް/ ރަތްވިލާގެ، ތ. ވިލުފުށި
  2. އަބްދުއް ސަލާމް/ހަވާ، ށ. ނަރުދޫ
  3. ޠާހާ މުހައްމަދު/ ކަޅިހާރުގެ, އދ. މާމިނގިލި
  4. ޝަޒްނާ އާދަމް/ރިހިވިލު، ހދ. ނޮޅިވަރަންފަރު
  5. ޝިޔާމާ މުހައްމަދު/ ނާރެސް، ރ. ހުޅުދުއްފާރު

މި ނަންތަކުގެ ތެރެއިން އެއްވަނާގައި އޮތް ޝާމިލް އާދަމަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓި ގޭޓަރެކެވެ. އަދި ދެވަނާގައި އޮތް ޢަބްދުއްސަލާމް އަލީ މިހާރުވެސް އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައި ހުންނެވި ބޭފުޅާއެވެ.

މީގެ އިތުރުން ޠާހާ މުޙައްމަދަކީ ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެވެ. އަދި ޝިޔާމާ މުޙައްމަދަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.

އޭސީސީގައި ހިމެނޭ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައި ވާއިރު، ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލިހަށް ނަންތައް ފިނުވާފައި ވަނީ، ގާނޫނުގައި ވާ މުއްދަތު ފަހަނައަޅާ ގޮސްފައި ވަނިކޮށެވެ. ޤާނޫނުގައި ބުނާގޮތުން އޭސީސީން މެންބަރަކު ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި އެކޮމިޝަނަށް މެންބަރަކު އައްޔަންކުރަންޖެހެއެވެ.

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ރައީސް އޮފީހުން ހުޅުވާލާފައިވަނީ، ފާއިތުވެދިޔަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. އަދި އެމުއްދަތި ހަމަވުމަށްފަހު ދަވަނަ ފަހަރަށްވެސް ރައީސް އޮފީހުން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިުލުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. އަދި ދެވަނަ ފުރުސަތުގައި 43 މެމްބަރުަކު ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތި ލާފައި ވެއެވެ.

ޖުމްލަ 5 މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެއަށްފަހު އެ ކޮމިޝަން މިހާރު އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.

އޭސީސޒީން އެންމެ ފުރަތަމަ އިސްތިއުފާދެއްވި ޢަލީ އަޝްރަފް މިހާރު ވަނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޓެންޑަރ ބޯޑްގެ ޗެއަރމަނަކަށް އައްޔަންކުރައްވާފައެވެ. އަޝްރަފަކީ މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.