ދައްޔޫސުންނަކީ ކޮންބައެއް؟

ދައްޔޫސުންނަކީ ކޮންބައެއް؟

Author
ހުސެއިން
21 ފެބްރުއަރީ 2022 09:14
0

الحمدلله، والصلاةوالسلامعلىمنلانبيبعده،

ދައްޔޫޘުންނަކީ އެމީހެއްގެ ކިބާގައި ޣީރަތްތެރިކަމެއް ނެތްމީހާއެވެ. ނުވަތަ ތިމާގެ އަނބިމީހާ ޒިނޭކުރާކަން އެނގޭ ޙާލުގައިވެސް އޭނާ ވަރިނުކޮށް ހިފަހައްޓައިގެން ހުންނަމީހާ އެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (أَنَّ اللَّهَ سُبْحَانَهُ وَتَعَالَى لَمَّا خَلَقَ الْجَنَّةَ قَالَ : وَعِزَّتِي وَجَلَالِي لَا يَدْخُلُك بَخِيلٌ وَلَا كَذَّابٌ وَلَا دَيُّوثٌ) މާނައަކީ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގެ ހެއްދެވުމަށްފަހު، ސުވަރުގެ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. ތިމަން އިލާހުގެ ޢިއްޒަތާއި މަތިވެރިކަން ގަންދީ ވަޙީ ކުރައްވަމެވެ. ބަޚީލަކު، ދޮގުވެރިޔަކު، އަދި ދައްޔޫޘަކު ތިތަނަކަށް (ސުވަރުގެ) އަކަށް ނުވަންނާނެއެވެ".

އެހެން ޙަދީޘެއްގައިވެއެވެ. (إنَّ الْمُؤْمِنَ يَغَارُ وَإِنَّ اللَّهَ يَغَارُ وَغَيْرَةُ اللَّهِ أَنْ يَأْتِيَ الْعَبْدُ مَا حُرِّمَ عَلَيْهِ) وَقَدّ قَالَ تَعَالَى : ( الزَّانِي لَا يَنْكِحُ إلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ)މާނައަކީ: "ހަމަކަށަވަރުން މުއުމިނުންގެ ޣީރަތްތެރިކަމެއް ވެއެވެ. އަދި ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ޣީރަތްތެރިވެ ވޮޑިގެންވެއެވެ. ﷲ ގެ ޣީރަތްތެރިކަމަކީ އަޅާ ޙަރާމް ކުރެއްވި ކަމަކަށް އަރައިގަތުމެވެ. ހަމަކަށަވަރުން ﷲ ވަޙީ ކުރައްވާފައިވެއެވެ. (الزَّانِي لَا يَنْكِحُ إلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ) މާނައަކީ: "ޒިނޭކުރާ ފިރިހެނަކު ޒިނޭކުރާ އަންހެނަކާ ނުވަތަ މުޝްރިކް އަންހެނަކާ މެނުވީ ކައިވެންޏެއް ނުކުރާނެއެވެ. އަދި ޒިނޭކުރާ އަންހެނުން ޒިނޭކުރާ ފިރިހެނަކާ ނުވަތަ މުޝްރިކަކާ މެނުވީ ކައިވެނި ނުކުރާނެއެވެ. މިކަންތަކަކީ މުއިމިނުންގެ މައްޗަށް ޙަރާމް ކުރެވިގެންވާ ކަންތަކެވެ".

އެހެންކަމުން ޒިނޭކުރާ އަންހެނަކު ތައުބާ ވުމުން ނޫނީ އެފަދަ މީހަކާ ކައިވެނި ކުރުމަކީ މުއިމިނުންގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. އަދި ކައިވެންޔަށްފަހުގައި އޭނާ ޒިނޭ ކުރާނަމަ އެކުގައި ގެންގުޅުމަކީ ޙަރާމްކަމެކެވެ. އެގޮތަށް ގެންގުޅެނީނަމަ އެފަދަ މީހަކު ވާހުށީ ދައްޔޫޘުންގެ ތެރެއިންނެވެ.

މިއާޔަތުން ދޭހަވާ ގޮތުގައި މުސްލިމުންގެ ތެރޭގައި ދައްޔޫޘުން ތިބެއެވެ.

މީގެ އިތުރުން ތިމާގެ ކައިވެނި ޙަރާމްވާ އަންހެނުން ޒިނޭގެ ފާޙިޝް ކަންތަކުގެ ތެރެއަށް އަރައި ގަންނަކަން އެނގި، އެކަން މަނާ ނުކުރާ މީހުންނަކީ ވެސް ދައްޔޫޘުންގެ ތެރޭގައި ހިމެނޭނެ ބައެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ދައްޔޫޘުންނާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ. (ثَلَاثَةٌ لَا يَنْظُرُ اللّهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ الْقِيَامَةِ: اَلْعَاقُّ لِوَالِدَيْهِ ، وَالْمَرْأَةُ الْمُتَرَجِّلَةِ ، وَالدَّيُّوْثِ)މާނައަކީ: "ގިޔާމަތްދުވަހުން ރަޙްމަތުގެ ނަޡަރަކުން މާތް ﷲ ބައްލަވާ ވޮޑިގެން ނުވާ ތިންބައެއް ވެއެވެ. އެއީ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހުންނާއި، ފިރިހެން ހެދިގެން އުޅޭ އަންހެނުންނާއި، ދައްޔޫޘުންނެވެ".

އަންހެނުން ދައްޔޫޘުންގެ ތެރެއަކަށް ނުވަދެއެވެ. ދައްޔޫޘުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ޞިފައެކެވެ. ސަބަބަކީ އަންހެނުން ނުބައި މަގުތަކުން ދިޔުމުން ސަލާމަތް ކުރަންތިބި ބަޔަކީ ފިރިހެނުން ކަމަށްވާތީވެ އެވެ. އަންހެނަކު އެފަދަ ނުބައިމަގަކުން ދާކަން އެނގިިހުރެ އެކަމާ އަޅައިނުލައި، އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރާ ފިރިހެނުންނަށް ދައްޔޫޘުންނޭ ކިޔެއެވެ.

والله أعلم.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.