އެމްޑީޕީގެ މަޖިލީހުގެ އިންތިހާބަށް ފަހު ފިޔަވަޅުއަޅާކޮމެޓީއާއި، އިންތިހާބާ ބެހޭ ކޮމެޓީއާއި، އިސްތިޢުނާފް ކޮމެޓީ އަލުން އިންތިޚާބު ކުރަންޖެހޭ ކަމަށާއި، އެހެންނޫނީ ޕާޓީގެ އެތެރޭގެ ހުރިހާ އިންތިހާބުތައް ވަކިބަޔަކު ބޭނުންވާގޮތަށް ފުރޮޅާލާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީއާއި، އިސްތިއުނާފް ކޮމެޓީ މެމްބަރުން އެމަޤާމުގާ ދެމި ތިބޭތާ ކިހާ ދުވަހެއްވެއްޖެތޯ ސުވާލު އުފައްދަވާފައެވެ. އަދި އިންސާފެއް ހަމައެއްނެތި ޕާޓީ ހިސޯރުކޮށްގެން ތިބިބައެއްގެ ބޭނުމަށްޓަކާ އެމްޑީޕީގެ އެތަށްބަޔަކު ޕާޓީންބޭރުކޮށްފައިވާ މިދެކޮމެޓީ އޮވެގެން އިންތިހާބު ކުރިޔަށްނުގެންދިއުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.
"އެއްމެފަހުން 2021 ގައިވެސް ނަމަކަށް ކޮމެޓީތައް އިންތިހާބުކުރެވުނު. ނަމަވެސް މާޒީގާ އެމްޑީޕީގެ ތެރޭގައި ހިންގާފައިވާ އެއްވެސްކަމެއް މެމްބަރުން އެދިގެން ވެސް އިސްތިއުނާފްކޮށް ފިޔަވަޅުނާކަން އެއްމެނަށްއެގޭނެ"
– މޫސާ މަނިކު
މޫސާ މަނިކަކީވެސް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ބަލާފައިވާ މައްސަލައެއްގައި 2015 ވަނަ އަހަރު އެޕާޓިން ވަކިކޮށްފައިވާ މެމްބަރެކެވެ. މޫސަ ވަނީ އެމައްސަލަ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށްވެސް ހުށައަޅާފައެވެ.
އެމްޑީޕީން މޫސަ ވަކި ކުރަން ނިންމީ އުއްތަމަ ފަނޑިޔާރަކަށް އޭރު ހުންނެވި އަޙްމަދު ފާއިޒް ހުސެއިނާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު މުއުތަސިމް އަދުނާން އެ ކޯޓުގެ ފަނޑިޔާރު ކަމުން ބޭރު ކުރަން މަޖިލީހުގައި ނެގި ވޯޓަށް މޫސަ ހާޒިރުވެ ވަޑައިނުގަތުމާއި އެމްޑީޕީން ނެރުނު ބައެއް ވިޕްލައިންތަކާ އެއްގޮތަށް އޭނާ ވޯޓު ދެއްވާފައި ނުވާތީ އެވެ.
ނަމަވެސް މިކަމާ ގުޅިގެން މޫސަ އޭރުވިދާޅުވެފައި ވަނީ އޭނާ ޕާޓިން ވަކިކުރީ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ވަކި ބަޔަކު ޒާތީ ގޮތުން އޭނާއާމެދު ކަންތައްތަކެއް ކުރުމަށް ރާވައިގެން ކަމަށެވެ.
އެމްޑީޕީ އުފެއްދުމުގައިވެސް އެންމެ ކުރީސަފުގައި ހަރަކާތްތެރިވި މޫސާ މަނިކު ގެންދަވަނީ ކުރިއަށްއޮތް އެޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ގިނަ ހިޔާލުތަކެއް ފާޅުކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގައި ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރާ މެމްބަރުންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ތެރެއިން މޫސަ އަބަދުވެސް ވާހަކަ ދައްކަވަނީ ރައީސް ޞާލިޙްގެ ދިފާއުގައެވެ.
މީގެ އިތުރުން ވަކި ބައެއްގެ ބާރުގެ ދަށުގައި ޕާޓީގެ ގުނަވަންތައް އޮންނަ އޮތުމާދެކޮޅަށް މޫސަ ވާހަކަ ދައްކަވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން ޕާޓީގެ އެތެރޭގެ ކޮމިޓީތައް އަލުން އިންތިހާބުނުކޮށް ކުރިއަށްއޮތް، ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވައިފި ނަމަ ވަކިބަޔަކު ބޭނުންގޮތަކަށް އިންތިހާބު ފުރޮޅާލާނެކަން މިހާރުވެސް ފެންނަމުން ދާކަމަށް މޫސަ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ