މަދަރުސަތުލް އިފްތިތާޙްގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމާއި އޭވީ ރޫމްއާއި ސްޓާފްރޫމް ހިމެނޭ ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ވަނީ ސްކޫލުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އައު ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް އާޢިޝަތު ފަރުހަތު ވިދާޅުވީ، އައު ޢިމާރާތާއެކު ސްކޫލްގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ޕްރިންސިޕަލް ވަނީ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
އެގޮތުން ސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އިތުރުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތާއި މަތީ ތަޢުލީމްގެ ލޯން ޕްރޮގްރާމާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމެވި ނިންމެވުމަކީ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ދެއްވާ އަހަމިއްޔަތު ދައްކުވައިދޭކަމެއްކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ނައިފަރު މަދުރަސަތުލް އިފްތިތާޙަކީ އަތޮޅުތަކުގައި ހުރި އެންމެ ދުވަސްވީ ސްކޫލެވެ. 22 ޖޫން 1933ގައި ހުޅުވި މި ސްކޫލަށް މިއަހަރު 89 އަހަރު ފުރޭނެއެވެ. މިސްކޫލްގައި 1000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާއިރު 93 މުދައްރިސުންނާއެކު 127 މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ