ގުޅިގެން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ ބައިޑަންއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ގުޅިގެން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ ބައިޑަންއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

Author
މުޙައްމަދު ޖިމީ
07 ނޮވެމްބަރ 2020 10:33
0

ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް ހާމަކުރައްވާ، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޖޯ ބައިޑަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ވާދަކުރައްވާ، ޖޯ ބައިޑަން އެޤައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާގެ 46 ވަނަ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ބައިޑަންއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރާއި ގުޅިގެން ދުނިޔެއަށް ދިމާވާ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ރައީސް ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، މޫސުމީ މައްސަލަތަކުގައި ބައިޑަންގެ ސަރުކާރާއެކު މަސައްކަތްކުރުމަށްވެސް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން، މުޅިން އާރކޯޑަކާއެކު އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑްން ވަނީ ކާމިޔާނުކުަރއްވާފައެވެ.

އެމެރިކާގެ 46 ވަނަ ރައީސަކަށް ޖޯ ބައިޑްން ވެވަޑއިގެންނެވީ ވޯޓު ގުނުމުގެ އެންމެ ފަހުގެ މަރުހަލާއިގައި 4 ސްޓޭޓެއްގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވަރަށް ގާތުން ވާދަކޮށް 270 އިލެކްޓޯރަލް ވޯޓަށްވުރެ މަތިން ކާމިޔާބު ކުރައްވައިގެންނެވެ.

ފާއިތުވެދިޔަ 120 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެމެރިކާގައި ރައްޔިތުން ވޯޓުލާން ނިކުތް މިއިންތިޚާބުގައި އެމެރިކާގެ %66.9 ރައްޔިތުން ވޯޓުލާފައި ވާއިރު، ޖޯބައިޑްންވަނީ 74 މިލިއަނަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރައްވާފައެވެ.

ޖޯ ބައިޑްން އިންތިޚާބު ކަމިޔާބު ކުރައްވާފައިވާއިރު، ބައިޑްންވަނީ ރައީސް އޮބާމާގެ ދައުރުގައި އެމެރިކާގެ ނާއިބް ރައީސްކަންވެސް ކުރައްވާފައެވެ. ބައިޑްން މިހާތަނަށް ފާހަގަވެގެން ގޮސްފައިވަނީ މަޑުމައިތިރި ސިޔާސަތެއްގެ ވެރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ކެމްޕޭންގެ ތެރޭގައި ބައިޑްން ވަނީ ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ސިޔާސަތުތައް ބަދަލުކުރައްވާނެ ވިދާޅުވެފައެވެ. އަދި އެތެރެއާއި ބޭރުން ގެއްލިފައިވާ އެމެރިކާގެ މަގާމް އަބުރާ ހޯއްދަވާ ދެއްވާނެކަމަށްވެސް ވައުދުވެފެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.