ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ދިމާވެދާނެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރާއްޖޭގެ މުހިންމު ތިން މުއައްސަސާއަކާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
އެމްއޭސީއެލް އިން މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) ގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކުގައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވީއައިއޭގެ ހިދުމަތްތައް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި ކަމާގުޅޭ ހުރިހާ އިދާރާތަކާއެކު އެކުންފުނިން އަބަދުވެސް ގާތުން މަސައްކަތްކުރާނެ ކަމަށެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިއީ އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމަށް އެޅުނު ވަރަށް ކާމިޔާބު އަދި މުހިންމު ފިޔަވަޅެކެވެ. ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ ހަމައެކަނި ވަކި އެއް އިދާރާއަކަށް ކުރެވޭނެ ކަމަކަށް ނުވާއިރު، މި އެއްބަސްވުންތަކުގެ ސަބަބުން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކިފަރާތްތަކުގެ ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އޮޕަރޭޝަނަލް އުސޫލުތައް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވުމުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ގާބިލުކަން ލިބިގެންދާނެކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މައި އެއަރޕޯޓަކީ އަބަދުވެސް ބަދަލުތައް އަންނަ ތަނަކަށް ވުމާއެކު، އެއަރޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ހުރިހާ ހިއްސާދާރުންގެ މެދުގައި އޮންނަ އިތުބާރާއި ހާމަކަންބޮޑު މުޢާމަލާތްތަކުގެ މުހިންމުކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި އެންޑީއެމްއޭ، އެމްއެމްއެސް އަދި އެމްއާރްސީ އިން ދެއްވާ އެއްބާރުލުމަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިއީ ފަސިންޖަރުންނާއި މުވައްޒަފުންގެ އިތުރުން މުޅި އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން އެމްއޭސީއެލް އިން ކަށަވަރުކޮށްދެއެވެ.
ކޮމެންޓު ފޮނުވާ