އއ. މާޅޮހުގައި އަބްދުއްރަހްމާން މަރާލި މައްސަލަ: ހެއްކެއްގެ ގޮތުގައި ކުޑަކުއްޖެއްގެ ބަޔާން ހުށަހަޅައިފި

އއ. މާޅޮހުގައި އަބްދުއްރަހްމާން މަރާލި މައްސަލަ: ހެއްކެއްގެ ގޮތުގައި ކުޑަކުއްޖެއްގެ ބަޔާން ހުށަހަޅައިފި

Author
އަހުމަދު
28 ޖޫން 2026 10:40
0

އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާދީ އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގައި ކުށް ސާބިތުކުރުމަށް ދައުލަތުން ކުޑަކުއްޖެއްގެ ބަޔާނެއް ކޯޓަށް ހުށަހަޅައިފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އއ. މާޅޮސް ފިޔަ، އަހުމަދު އާޝިދު އާއި، އެކަމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާ އެރަށު ލިލީފެހި، މުހައްމަދު ވިސާމް އަދި ފިނިވާގޭ އަހުމަދު ފާރިސް އެވެ.

މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ މުހިންމު ހެކިތަކެއް ހާމަކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައެވެ. އޭގެ ތެރޭގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރާ ކުޑަކުއްޖާގެ ބަޔާނާއި، އެ ކުއްޖާގެ މައުލޫމާތުތަކުގެ އިތުރުން އަބްދުއްރަހްމާނަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތައް ރައްކާތެރިކޮށް ސިއްރުކޮށްދިނުމަށް އެދިފައިވެއެވެ. ހަމައެއާއެކު، މައްސަލައާ ގުޅޭ ޑީއެންއޭ ރިޕޯޓުތައްވެސް މިއަދު ވަނީ ކޯޓަށް ހުށަހަޅައި، ދިފާއީ ފަރާތްތަކާ ހިއްސާކޮށްފައެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ނިޔާވީ އޭނާގެ އަންހެނުންގެ ގޭގައި ނިދާފައި އޮއްވައި ބޮލަށް ދިން ނުރައްކާތެރި ހަމަލާތަކަށް މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. މި މައްސަލައިގައި ދައުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުން ގާޒީ ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހަށް ތާވަލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.