ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ބުރޫއަރާ ގޮތަށް ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންވައިގެން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން އެމަނިކުފާނަށް ދައުލަތުން ދެމުންދާ އިނާޔަތް ކަނޑާލައި، ފިޔަވަޅު އެޅަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ރޭ "ސަންގު" ޓިވީގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ، މިހަރަކާތަކީ ދިވެހި ރައްޔިތުންނަށް މިކަމުން ބޮޑެތި ގެއްލުންތަކެއް ކުރާ ހަރަކާތެއްކަމަށެވެ. މިހަރަކާތް ހިންގަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދަނީ، ކުރީގެ ރައީސް ޔާމީނަށްވާއިރު މިހަރަކާތާއި ގުޅިގެން ފުރަތަމަ ފިޔަވަޅު އަޅާނަމަ އަޅަންވީ ރައީސް ޔާމީނަށް ކަމުގައި ރޮޒޭނާ ވިދާޅުވިއެވެ.
އަދި މިއީ ވެރިކަން ކުރައްވާފައިވާ ބޭފުޅަކު ދޭދޭ ޤައުމުތަކާއި އޮންނަ ދާޚިލީ ގުޅުމަށް ބުރޫ އަރާގޮތަށް ހިންގަމުންދާ ވަރަށް ދެރަވަރުގެ ހަރަކާތަކަށްވުމުން، ރައީސް ޔާމީނަށް ދައުލަތުން ދެމުންދާ އިނާޔަތްތައް ކަނޑާލަންޖެހޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ޤައުމު ހަލަބޮލިކޮށް ފަސާދަ އުފައްދާ ވެރިކަން ކުރަން ހުންނަ މީހަކަށް ވެރިކަން ކުރެވުނަ ނުދިނުމަށްޓަކައި، ކުރާ ކަންތައްތައްތަކަށް އިނާޔަތް ލިބެން ނުޖެހޭ. ރައްޔިތުން ޖީބުން، ނަފްރަތު އުފައްދަން ޔާމީނަށް އިނާޔާށް ދޭކަށް ނުޖެހޭ. އިނާޔަތްތައް ކަނޑާލަންޖެހޭ.
– ރޮޒޭނާ ވިދާޅުވިއެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.
ރައީސް ޔާމީން ނަންގަވަނީ ކުރީގެ ރައީސެއްގެ އިނާޔަތުގެ އިތުރުން ދިރިއުޅުއްވާ ތަނުގެ ޚަރަދު އެކަންޏެވެ.
ކޮމެންޓު ފޮނުވާ