ދިވެހިރާއްޖެއަކީ ތާރީޚީ ފަތްފުށްތަކުން ފެންނާން އޮތް ގޮތުން، އެގެން އޮތް 2،500 އަހަރުވީ ދިގު ތާރީޚެއް އޮތް ގައުމެކެވެ. އަދި މި ދިގު ތާރީޚުގެ ތެރޭގައި ބޭރުގެ ބާރުތަކުން އެތައް ފަހަރެއްގެ މަތިން މިރާއްޖެއަށް އަތް ގަދަކޮށް، މިރާއްޖޭގެ މައްޗަށް ވެރިވެގަތް ނަމަވެސް، ހަގީގަތުގައި، ގައުމުގައި އޮތް މިނިވަންކަމާއި ސުލްޙަ މަސަލަސްކަމުގެ މައްޗަށް ނުފޫޒު ފޯރުވި، އަދި މި ހަމަހިމޭންކާމާއި ގުދުރަތީ ރީތި މުއްސަނދިކަމުން ދިވެހިން މަހުރޫމު ކުރެވިފައެއް ނުވެއެވެ.
އެހެންނަމެސް، ސުލްހަވެރިކަމާއި، އަމާންކަމުގައ އެތައް ހާސް އަހަރެއް ދިވެހިން، ހަމަ ހިމޭން މިނިވަން ޖައްވަކަށް ނޭވާ ލަމުން ހޭދަ ކޮށްފައި ވިނަމަވެސް، މި ރީތިކަމާއި، މިނިވަންކަމާއި، މި ހަމަހިމޭންކަމުގެ ހަގީގީ އަގު ދިވެހިންނަށް ވަޒަން ކުރެވިފައި ނުވާކަހަލަ އެވެ. މާނައަކީ، މިއީ އޭގެ އަގުބޮޑު، އަދި ދިވެހި އިގްތިސާދާއި، ދިވެހިން އާންމު ދިރިއުޅުމާއި ގުޅުވާލެވިދާނެ މުހިންމު ވަސީލަތެއްގެ ގޮތުގައި، 1972ވަނަ އަހަރާއި ހަމައަށް ދަންދެން ދިވެހިނަށް ވަޒަން ކުރެވިފައި ނުވާ ކަހަލައެވެ.
މިގޮތުން، 26 އަތޮޅުގައި، 1192 ރަށުގެ މައްޗަށް އެކުލެވިފައި އޮތް، އިންޑިއާ ކަނޑުގައި، 820 ކިލޯ މީޓަރުގެ ދިގު ރާސްތާއެއްގައި، އުތުރުން ދެކުނަށް، ގަތާލެވިފައި އޮތް ހާރެއްގެ ސިފައިގައި އެ ކަނޑުގެ، އިގްތިސާދީ ގޮތުންވެސް އެންމެ މުހިން ހިސާބުގައި މިރާއްޖެ އޮތްއިރު، މިއިން އެއްވެސް ކަމެއްގެ މަޗަށް، ކުރިއެރުމާއި، ތަރައްގީއާއި ތަމައްދުނުގެ ރޮގުން އެހާތަނާއި ހަމައަށް ދިވެހިން ފުރިހަމަ ނަޒަރިއްޔާތަކުން ވިސްނާފައެއް ނުވެއެވެ.
އެހެން ނަމަވެސް، ގުދުރަތުން ހަދިޔާ ކުރެއްވި މި ރީތި ރަށްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ 1972ވަނަ އަހަރު އެޅިގެން ދިޔަ ދިއުން ވެގެންދިޔައީ، އެތައް ގޮތަކުން ދިވެހިރާއްޖެއަށް ކުރިއެރުމާއި، ތަރައްގިއާއި ގެނެސްދިން، އަދި ބޭރު ދުނިޔެއަށް މިރާއްޖޭގެ ދޮރާށި ހުޅުވި، އަދި އެއަށްފަހު ބައިނަލް އަގުވާމީ މަސްރަހުގައިވެސް މުހިންމު ދައުރެއް އަދާކުރުމަށް ދިވެހިރާއްޖެއަށް ފުރުސަތު ލިބިގެންދިޔަ ބޮޑު ބަދަލުގެ ފެށުމުގެ ގޮތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މިގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވިގެންދިޔަ ރިސޯޓަކީ 1972 ވަނަ އަހަރު ހުޅުވުނު ކުރުނބާ އައިލެންޑް ރިސޯޓެވެ. އެރިސޯޓު ހުޅުވިގެން ދިޔައިރު، ދިވެހިރާއްޖެއަކީ ބޭރުގެ އިންވެސްޓަރުން ދަންނަ ޑެސްޓިނޭޝަނެއް ނޫނެވެ. ބޭރުގެ އިންވެސްޓްމަންޓެއް ރާއްޖެއަކު ނެތެވެ. ފަތުރުވެރިކަން ރާއްޖޭގައި ތަރައްގީ ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އާމްދަނީ ހޯދޭނެ ހަމައެކަނި ވަސީލަތެއްގެ ގޮތުގައި އޮތީ މަސްވެރިކަމެވެ.
50 އަހަރު ތެރޭގައި އިގްތިސާދުގެ މައި ތަނބަށް!
ވަރަށް އާދައިގެ ގޮތަކަށް ފެށިގެން އައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު 50 އަހަރު ވަންދެން ކޮށްފައިވާ ދިގު ދަތުރަކީ ވަރަށްވެސް ގިނަ ބައެއްގެ ގުރުބާނީއެކެވެ. މަދު ދެތިން މީހެއްގެ ސިނކުޑިން ބިންގާއެޅިގެންދިޔަ، މި ސިނާއަތު ހެދި ބޮޑުވެ ފުޅާވެ، 5 ތަރީގެ ޚިދުމަތްދޭ، މުޅި ދުނިޔޭގައިވެސް އޮތް އެންމެ ވަރުގަދަ ސިނާއަތަށް މި ސިނާއަތު މިއަދު ވެގެން ގޮސްފައި ވާއިރު، މިއަދު ރާއްޖޭގައި 164 ރިސޯޓު އެބައޮތެވެ. އަދި ހަމަ އެއާއި އެއް އަދަދަކަށް ރިސޯޓުތައް ދަނީ ތަރައްގީ ކުރެވެމުންނެވެ.
އަދި ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭ ރިހި ޔޫބީލް މުނާސަބަތާއި ދިމާކޮށް، ސަރުކާރުން މިހާރުވެސް ވަނީ ރިސޯޓު ތަރައްގީ ކުރުމަށްޓަކާ އިތުރު 24 ރަށެއް ކުއްޔަށް ދިނުމަށް އިއުލާން ކޮށްފައެވެ.
އަދި މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެ ފެތުރިގެން ދިއުމުގައި ވަކި ވަކި ރިސޯޓްތައް ފަހަނަ އަޅާ ގޮސް، މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓްހައުސްތައް ހުޅުވީ، މިސިނާއަތް މިއަދު ވެގެން ގޮސްފައިވަނީ، ރާއްޖޭގެ މެދުފަންތީގެ އެތައް އާއިލާއެއްގެ ދިރިއުޅުމާއި އަދި އާމްދަނީއާއި ގުޅި ލާމެހިގެން ގޮސްފައިވާ މުހިންމު ސިނާއަތަކަށެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރުއުޅޭ ރަށްތަކުގައި 734 ގެސްޓު ހައުސް މިހާރު އެބަހުއްޓެވެ. 12 ޓުއަރިސްޓް ހޮޓާ ރާއްޖޭގައި އެބަހުއްޓެވެ. 215 ޑައިވް ސެންޓަރު ރިސޯޓުތަކާއި ރާއްޖޭގެ އެކި ރަށްތަކުގައި ހިންގަމުން ދެއެވެ. އަދި މީގެ އިތުރުން ފަރުވެރިކަމުގެ ސިނާއަތުގައި ބޭނުން ކުރެވޭ 154 ސަފާރީ ބޯޓު ރާއްޖޭގައި އެބަ ދުއްވައެވެ. މި ހުރިހާ ފަރާތްތަކަށް (ރިސޯޓުތަކާއި ގެސްޓު ހައުސްތަކާއި އަދި ސަފާރީ ބޯޓުތަަކަށް) ޚިދުމަތް ފޯރު ކޮށްދޭ 528 ޓްރަވެލް އޭޖެންސީ މިއަދު ރާއްޖޭގައި ހަރަކާތްތެރި ވަމުން ދެއެވެ.
އެހެންކަމުން، މި ހިސާބުތަކަށް އެކަނި ބަލާލުމުންވެސް، ކަޑަ ޖަހައިގެން، އަންނަ ފަތުރުވެރިންނަށް ރޮއްޓާއި މަސްހުރި ކާން ދީންގެ، އަދި ބައްތެލި ތަކުގައި ފަތުރުވެރިން އެކްސް ކާޝަންތަކަށާއި، އަދި ރިސޯޓަށް ދަތުރުކޮށް، ދުވާލަކަށް 9 ޑޮލަަރަށް ކޮޓަރިތައް އޭރު ވިއްކައިގެން ފެށި ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީވެ ކުރިއަރައިެގން އައިސްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް މިއަދު ވަޒަން ކުރެވެން އެބަ އޮތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މިއަދު ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ބްރޭންޑެވެ. މިހާރު ދުވާލަކަށް 10،000 ޑޮލަރަށް ވިއްކާ ކޮޓަރި ރާއްޖޭގެ ރިސޯޓުތަކުގައި އެބަހުއްޓެވެ.
އޭގެ ނަތީޖާ ދިވެހި އިގުތިސާދުން ފެންނަމުން ދަނީވެސް ވަރަށްވެސް ފާގަތިކޮށް ކަމުގައި ދަންނަވަން ޖެހެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ، ސީދާ ގޮތުން ދިވެހި އިގްތިސާދުގައި ޖީޑީޕީގެ ނިސްބަތުން 26.3 އިންސަތަ މިއަދު ހިއްސާ ކުރަމުންދާ ސިނާއަތެކެވެ. ނުސީދާގޮތުން ޖީޑީޕީގެ ނިސްބަތުން 70 އިންސައްތަ މި ސިނާއަތުގެ ހިއްސާ ދިވެހި އިގްތިސާދުގައި އެބަ އޮތެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖެއަށް ވަންނަމުންދާ ބޭރު ފައިސާގެ 90 އިންސައްތަ ވަންނަމުންދާ މައި ދޮރާށިވެސް މެއެވެ.
އަދި މީގެ އިތުރުން ރާއްޖޭޣެ ފަތުރުވެރިކަމުގެ ސިނާއަތު، 50 އަހަރުގެ ދިގު ތާރީޚެއް ކަޑައްތު ކޮށްފައިވާއިރު، މިސިނާއަތަކީ މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަތީ އެވާރޑްތައްވެސް ކުރަމުންދާ ސިނާއަތުކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ. މިގޮތުން، ވާލްޑް ލީޑިން ޑެސްޓިނޭޝަން އެވާރޑްގެ ޝަރަފް، ވިދިވިދިގެން ދެ އަހަރު، 2020ވަނަ އަހަރާއި 2021ވަނަ އަހަރު ރާއްޖެއިން ވަނީ ހާސިލް ކޮށްފައެވެ. އަދި ކޯވިޑްގެ ނުރައްކާތެރި އާލަމީ ވަބާގެ ތެރޭގައި މުޅި ދުނިޔެ ވަނިކޮށް، ވާރލްޑް ޓަރަވެލްސް ޓުއަރިޒަމް ކައުންސިލްއިން ދޭ، ސޭފް ޓަރަވްލެގް ބެޖުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހާސިލް ކޮށްފައިވާކަން މިއީ ވަކީން ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލާންޖެހޭ ކާމިޔާބީއެކެވެ.

އެހެންކަމުން، ހުރިހާ ގޮތަކުން ބެލިކަމިގައިވި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކޮށްފައިވާ، 50 އަހަރުގެ ދިގު ތާރީޚީ ދަތުރަކީ، ފަޚުރުވެރިވުން ހައްގު އެހާމެ ކާމިޔާބު ދަތުރެއް ކަމުގައި ދަންނަވާން ޖެހެއެވެ. އެއީ، އެ ދަތުރުގައި، ސިނާއަތުގެ ބާނީންނާއި، މިސިނާއަތާއި ފަހުން ގުޅިފައިވާ އިންވެސްޓާރުން ވެފައިވާ ބުރަ، އަދި އެހާމެ އުދަގޫ ގުރުބާނިއަކަށް ވެގެންދިޔަ ނަމަވެސް، މިއަދު މި ގުރުބާނީތަކުގެ ފޮނި މޭވާ ދަނީ ދިވެހި އެންމެހާ އާއިލާތަކާއި ހަމައަށް ފޯރަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ އެއްވެސް މިންވަރަކަށް ނުކުރާ އާއިލާއެއް ދިވެހި އާބާދީގައި ނެތްކަމީ ފެންނާން ހުރި ހިސާބުތަކުން އެގި ކަށަވަރުވާން އޮތް ހަގީގަތެކެވެ.
މުސްތަގުބަލް، ހުރި ގޮންޖެހުންތައް ބޮޑު!
ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކަޑައްތު ކުރި ބައި ގަރުނުގެ މުއްދަތުގައި ބޮޑު ދެ ގޮންޖެހުމަކާއި މިސިނާއަތަށް ކުރިމަތިލާން ޖެހިފައި ވެއެވެ. އެއީ 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާއިން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވީ ގޮންޖެހުންތަކާއި، އަދި 2019ވަނަ އަހަރު ނިމެމުން ދަނިކޮށް މުޅި ދުނިޔެ ކުރިމަތި ލާންޖެހުނު ކޯވިޑް19ގެ އާލަމީ ވަބާއެވެ.
މިގޮތުން، ކުރިމަތިވި ކޯވިޑް ކާރިސާގެ ނުރައްކާތެރިކަން ބޮޑުވެ، 2020 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަސް ނިމިގެންދިޔަ ތަނާކަހަލަ ގޮތަކަށް، ކޯވިޑްގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކާ ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަން ޖެހުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ރާއްޖޭގެ އިގްތިސާދު އެ ސިނާއަތަކަށް ބަރޯސާވެފަ އޮތް، ފަތުރުވެރިކަމުގެ ސިނާއަތުގެ ތާރީޚުގައިވެސް ކުރިމަތިވެފައި ނުވާވަރުގެ ބޮޑު ގޮންޖެހުމަކާ އެސިނާއަތަށް ކުރިމަތިލާން ޖެހުމެވެ. މިގޮތުން، ރާއްޖޭ ޖީޑީޕީގެ ބޮޑު ބައެއް ސީދާ ގޮތުންނާއި ނުސީދާގޮތުން ހިއްސާކުރާ، ފަތުރުވެރިކަމުގެ ސިނާއަތު 2020 ވަނަ އަހަރު ނިމުނުއިރު %68 ދަށަށް ގޮސްފައި ވެއެވެ.
އެހެންނަަމަވެސް، ކޯވިޑްގެ ނުރައްކާތެރި ވަބާއިން އަރައިގަތުމަށް ސަރުކާރުން އެޅި ހަރަދުނާ ފިޔަވަޅުތަކާއި، އަދި ގެންގުޅެފައިވާ "އޮޕެން ބޯޑަރ" ޕޮލިސީގެ ނަތީޖާއެއްގެ ގޮތުން، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސިނާއަތު މިވަނީ އަނެއްކާވެސް ނަގާ ކޮޅަށް ޖެހިފައެވެ. އަދި އޭގެ އެދެވޭ ނަތީޖާ އިގްތިސާދުންވެސް ދަނީ ފެންނަނަމުންނެވެ.
އެހެންނަމަވެސް ކުރު މުއްދަތުގައި އަނެއްކާވެސް، ރާއްޖޭގެ ސިނާއަތަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފެންނާން އޮތީ ޔޫރަޕާއި ހުޅަނގުގެ ގައުމުތަކަށް މިވަގުތު ވެރިވެފައިވާ ހަގުރާމައިގެ ވިލާގަނޑެވެ. އަދި މި ކޯޅުމުގައި ހިމެނޭ އެންމެ މުހިންމު ގައުމުތައް ކަމުގައިވާ ރަޝިއާ އަދި ޖާރމަނީއަކީ ފާއިތުވެދިޔަ 2021 ވަނަ އަހަރަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުފެރިން އައިސްފައިވާ 3 ގައުމުގެ ތެރޭގައި ހިމެނޭ 2 ގައުމެވެ. އަދި ޔޫކްރެއިންއަކީ ފާއިތިވެދިޔަ އަހަރު 9 ވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމެވެ.
އެހެންކަމުން، ޔޫރަޕް ބައްރުގައި ހިގައިދާ ބޮޑު ހަގުރާމައެއްގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރުމަކީ ވަރަށްވެސް ގާތުގައި އޮތް ކަމެއް ކަމުގައި ދަންނަވަން ޖެހެއެވެ.

އެހެންކަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު، ޖީލެއް ފަހަނަ އަޅާ، މުޅިން އާ ޖީލަކަށް ވާރުތަ ވެގެންދާ މަރުހަލާއާއި މިއަދު ކުރިމަތި ލާފައިވާއިިރު، މުޅިން އާޖީލަކުން މިސިނާއަތު ކުރިޔަށް ގެންގޮސް، މިހާރެކޭ އެއްފަދައިން، ދުނިޔޭގެ އެންމެ ވަރުގަދަ ބްރޭންޑުގެ ގޮތުގައި މިސިނާއަތު ދެމެހެއްޓުމުގެ އަޒުމު އާކޮށް، ކުރިއަރަމުންދާ ވާދަވެރިކަމާއި ވާދަވެރި މާރކެޓްތަކުގައި ފައި ހަމަކޮށްގެން ތިބޭވޭނެ ބަޔަކަށް ވުމުގެ އުއްމީދު މިއަދު އާކޮށް އާލާ ކުރަންޖެހިފައިވާކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ކޮމެންޓު ފޮނުވާ