ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފި

ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2022 12:56
0

ތަފާތު އެކި ރޮނގުތަކުން އެމްއެންޑީއެފްގެ ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އެސް.އެމް.ޝަފީޢުދީން އަޙްމަދާއި މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި، އެމްއެންޑީއެފްއާއި ބަންގްލަދޭޝްގެ އަސްކަރިއްޔާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން، ތަފާތު އެކި ރޮނގުތަކުން އެމްއެންޑީއެފްގެ ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ޖެނެރަލް ޝަފީޢުދީންވަނީ، ބަންގްލަދޭޝް އަސްކަރިއްޔާ އާއި އެމްއެންޑީއެފްއާ ދެމެދު އޮތް ގާތް ގުޅުމަށް ޚާއްޞަ އަޙައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޖެނެރަލް ޝަފީޢުދީންއަށާއި އެމަނިކުފާނުގެ ވަފުދަށް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އަރިހުގައި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރީފާއި ލެފްޓިނެންޓް ކާނަލް ޙަސަން ބުޝްރީވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.