އޭ.އައި ބޭނުންކޮށްގެން، ވައިރަސްތަކެއް ސައިންސްވެރިން އުފައްދައިފި

އޭ.އައި ބޭނުންކޮށްގެން، ވައިރަސްތަކެއް ސައިންސްވެރިން އުފައްދައިފި

Author
އަހުމަދު
07 އޮގަސްޓް 2026 03:25
0

މަސްނޫއީ ވިސްނުން (އޭ.އައި) ބޭނުންކޮށްގެން، ގުދުރަތުގައި ނުވާ އައު ވައިރަސްތަކެއް ސައިންސްވެރިން ފުރަތަމަ ފަހަރަށް އުފައްދައިފި އެވެ. މި ވައިރަސްތަކުގެ ސަބަބުން، ބޭހަށް ނުގުޑާ އިންފެކްޝަންތަކުން ބަލިމީހުން ސަލާމަތްކުރެވިދާނެ ކަމަށް ސައިންސްވެރިން ދެކެ އެވެ.

ސައިންސް ޖާނަލްގައި އިއްޔެ ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، މި މަޝްރޫއު ހިންގާފައި ވަނީ އެމެރިކާގެ ސްޓެންފޯޑް ޔުނިވަރސިޓީ އާއި ބްރޯޑް އިންސްޓިޓިއުޓް ގުޅިގެންނެވެ. އޭ.އައި ބޭނުންކޮށްގެން އެތައް ހާސް ވައިރަސް ޖެނޯމެއް އުފައްދައި، އޭގެ ތެރެއިން ގާތްގަނޑަކަށް 300 ޖެނޯމް ސިންތެސައިޒް ކުރި އެވެ. އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، އޭގެ ތެރެއިން 16 ވައިރަހަކަށް، އީ.ކޮލައި ޖަރާސީމު މަރައިލެވުމުގެ ގާބިލުކަން ލިބިފައިވުމެވެ. މި މަސައްކަތުގައި، ގުދުރަތީ ވައިރަސްތަކަށްވުރެ ވެސް، މި ވައިރަސްތައް ކުޅަދާނަ ކަމަށް ދިރާސާގައި ވެއެވެ.

އީ.ކޮލައި އަކީ އިންސާނުންނާއި ހައިވާނުންގެ ހަޖަމުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ޖަރާސީމަކަށް ވިޔަސް، އޭގެ ބައެއް ސްޓްރެއިންތަކުން ނުރައްކާތެރި ވިހަ މާއްދާތައް އުފައްދައި، ކާނާ ވިހަވުމާއި، ބޭރަށްހިންގުމާއި، ބަނޑުގައި ރިއްސުމާއި، ކުޑަކަމުދާ ހޮޅީގެ އިންފެކްޝަން ފަދަ ބަލިތައް ޖައްސާކަން ފާހަގަކޮށްލެވެ އެވެ.

ކެނެޑާގެ ޓޮރޮންޓޯ ޔުނިވަރސިޓީގެ ގައިންގަޔަށް އަރާ ބަލިތަކުގެ ސްޕެޝަލިސްޓް، އައިޒަކް ބޯގޮކް ވިދާޅުވީ، އޭ.އައި މެދުވެރިކޮށް ފަރުމާކުރެވޭ ވައިރަސްތަކުގެ ސަބަބުން ބަލިމީހުންނަށް ބޭނުންވާ އައު ފަރުވާތައް ތަރައްގީކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް، މި ފަދަ ވައިރަސްތައް ޑިޒައިންކުރަން ޖެހޭނީ ފުރިހަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސިންގަޕޫރުގެ ސިއްހީ ސަލާމަތާ ބެހޭ އޭޝިއާ ސެންޓަރުގެ ޑިރެކްޓަރު ޝޫ ލީ ޔޭންގު ވިދާޅުވީ، "އޭ.އައި ބޭނުންކޮށްގެން ވައިރަސް އުފެއްދުމަކީ އަގުހުރި ކާމިޔާބީއެއް، ނަމަވެސް ހަމަ އެއާއެކު ކަންބޮޑުވުން ވެސް އުފެދޭ ކަމެއް" ކަމަށެވެ.

މި ދިރާސާ ކުރި ތަޖުރިބާކާރުން ބުނާ ގޮތުގައި، އޭ.އައި ބޭނުންކޮށްގެން މިހާތަނަށް އުފައްދާފައިވާ ވައިރަސްތަކުން، އިންސާނުންނަށާއި ހައިވާނުންނަށް އެއްވެސް ބާވަތެއްގެ އިންފެކްޝަނެއް ނުޖެއްސޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.