އިސްލާމްދީނަކީ ހަމައެކަނި އަޅުކަމެއް ނޫން ކަމަށާއި، ދޭދޭ ފަރުދުންގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް ބާރުއަޅާ ދީނެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
"މަޑުމައިތިރިކަން އިސްކުރުން" މި މައުޟޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ވަނީ، ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހެއް ނޫން ކަން ފާހަގަކުރައްވާފައެވެ. ނަމާދާއި، ރޯދައާއި، ޙައްޖާއި ޒަކާތް އަދާކުރުމުން އެކަނި ދީން ފުރިހަމަވީ ކަމަށް ހީވެފައި ތިބޭ މީހުން ގިނަ ކަމަށާއި، ފަރުޟުތަކާއި ސުންނަތްތަކަށް ރައްކާތެރިވާ ބައެއް މީހުންގެ ކިބައިން ވެސް މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، މަޢާފުނުކުރުމުގެ ސިފަތައް ފެންނަމުންދާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ކީރިތި ރަސޫލާ މުޙައްމަދު ﷺގެ ސީރަތުން މިސާލު ދައްކަވަމުން ހުތުބާގައި ވިދާޅުވީ، އެކަލޭގެފާނު އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތު ކުރެއްވުމުގައި ވެސް ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށެވެ. މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ ސިފައެއް ކަން ބަޔާންކުރައްވައި ހުތުބާގައި ވަނީ، "ހަމަކަށަވަރުން ﷲ سُبْحَانَهُ وَتَعَالَىއީ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އޯގާތެރިކަމަށް ލޯބިކުރައްވައެވެ" މި ޙަދީޘްފުޅު ގެންނަވާފައެވެ.
ބަދަލުހިފުމުގެ މައްޗަށް ކުޅަދާނަވެގެންވާ ޙާލުގައި ވެސް ރުޅި މައިތިރިކޮށްފި މީހަކަށް، ގިޔާމަތް ދުވަހުން މަތިވެރި ސަވާބާއި ދަރުމަ ލިބޭނެ ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދުނިޔޭގައި ކިބުރުވެރިވެ ބޮޑާވެގަތް ފިރުޢައުނުގެ ގާތަށް މޫސާގެފާނު ފޮނުއްވި ހިނދު ވެސް، އޭނާއާ މަޑުމައިތިރިކަމާއެކު ވާހަކަދެއްކެވުމަށް މާތް ﷲ އަމުރުކުރެއްވި ކަން ހަނދާންކޮށްދެއްވިއެވެ.
ނިންމައިލައްވަމުން ހުތުބާގައި ވަނީ، ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑުތަކަށް ރައްކާތެރިވުމަށާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްކުރުމަށާއި، ހުރިހާ ކަމެއްގައި ވެސް މަޑުމައިތިރިކަން އިސްކުރުމަށް ގޮވައިލައްވާފައެވެ.
ކޮމެންޓު ފޮނުވާ