ހަލާލް ޓޫރިޒަމަށް 3 ރަށެއް ހިމެނޭގޮތަށް 15 ރަށަކާއި ފަޅެއް ބީލަމަށް ހުޅުވާލައިފި

ހަލާލް ޓޫރިޒަމަށް 3 ރަށެއް ހިމެނޭގޮތަށް 15 ރަށަކާއި ފަޅެއް ބީލަމަށް ހުޅުވާލައިފި

Author
އަހުމަދު
07 އޮގަސްޓް 2026 03:30
0

ހަލާލް ޓޫރިޒަމަށް ޚާއްޞަކޮށްގެން 3 ސަރަހައްދެއް ހިމެނޭގޮތަށް، ޖުމްލަ 15 ރަށަކާއި ފަޅެއްގައި ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނީ ހަލާލް ޓޫރިޒަމަށް ޚާއްޞަކުރެވިފައިވާ ތިން ސަރަހައްދަކީ ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމަކާއި، ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެއް ކަމަށެވެ. މީގެ ތެރެއިން މަކުނުދޫގައި މަދުވެގެން 150 އެނދު، އަދި ފޮނަގާދޫ އާއި ދޮންހެރައިގައި މަދުވެގެން 100 އެނދު ބިނާކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ރަށްތަކުގައި 50 އަހަރުގެ މުއްދަތަށް ރިސޯޓު ހިންގަން ވާނީ އިސްލާމީ އުޞޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން އޫރުމަހާއި ރާ ވިއްކުން މަނާވާނެއެވެ. ފޯރުކޮށްދޭ ކާބޯތަކެއްޗަކީ ހަލާލް ސެޓްފިކެޓް ލިބިފައިވާ ތަކެއްޗަށް ވާންޖެހޭއިރު، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދިނުމަކީ ވެސް ޝަރުޠެކެވެ. މީގެ އިތުރުން މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ވަކިން ދެ މިސްކިތް ބިނާކުރަން ޖެހޭނެއެވެ.

ބީލަމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި އުތުރުގެ 10 ފަޅު ހިމެނޭކަން ފާހަގަކުރެވެއެވެ. އެއީ ހއ. މާދުނި ފަރުން 3 ފަޅާއި، ހދ. މަކުނުދޫ ފަރާއި މާފަރުން 4 ފަޅު، އަދި ށ. ގޮނާ ފަރުން 3 ފަޅެވެ. ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެއް ކަމަށްވާއިރު، މިއިން ކޮންމެ ފަޅެއްގައި މަދުވެގެން 150 އެނދު ތަރައްޤީކުރަން ޖެހޭނެ ކަމަށާއި، ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޯސްޓް އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ވަކިވަކި ރަށްތަކުގެ ގޮތުގައި ބީލަމަށް ހުޅުވާލާފައި ވަނީ ށ. ނަލަންދޫ އާއި ނ. ފަރުމުއްޔެވެ. 63.99 ހެކްޓަރުގެ ނަލަންދޫއަށް ބިޑު ހުށަހަޅާ ފަރާތްތަކުގެ މާލީ ޤާބިލުކަން 10 މިލިޔަން ޑޮލަރަށް ހުންނަން ޖެހޭއިރު، ފަރުމުލީގެ ލީސް އެކިއުޒިޝަން ކޯސްޓަކީ 2.25 މިލިޔަން ޑޮލަރެވެ. މީގެ އިތުރުން ނަލަންދޫގައި 200 އެނދު، އަދި ފަރުމުލީގައި 150 އެނދު މަދުވެގެން ތަރައްޤީކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ރަށްރަށާއި ފަޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް 36 މަސްދުވަހުގެ މުއްދަތެއް ދޭނެއެވެ. ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން %15 ގެ އިނާޔަތެއް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫޢުތަކަށް %20 ގެ އިނާޔަތެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެންބަރު 17 އިން 23 އާ ދެމެދުގެ ތާރީޚުތަކެވެ. މީގެ ކުރިން ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހުގައި ޕްރީ-ބިޑް ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.