އެންމެ ގިނަ ވޯޓުލިބޭ ކެނޑިޑޭޓަށް، ވެރިކަމަށް އާދެވޭ ފޯމިއުލާއަށް ދިޔާނާވެސް ތާޢީދު

އެންމެ ގިނަ ވޯޓުލިބޭ ކެނޑިޑޭޓަށް، ވެރިކަމަށް އާދެވޭ ފޯމިއުލާއަށް ދިޔާނާވެސް ތާޢީދު

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2022 08:23
0

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓް މޮޅުވީ ކަމަށް ނިންމަން ގާނޫނުއަސާސީ އަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވި އިސްލާހަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ތާއީދު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓް މޮޅުވީ ކަމަށް ނިންމަން ގާނޫނުއަސާސީ އަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވި އިސްލާހަކީ އެމްޑީޕީ އަށް މޮޅު ވެވިދާނެ ފޯމިއުލާއެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެކަމާ މެދު މަޝްވަރާކޮށް، ރަނގަޅު ހައްލެއް ހޯދަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒުގެ ވާހަކަތަކާއި ގުޅިގެން ދިޔާނާ ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ނުވަތަ ވެރިކަމަށް އާދެވޭ މީހަކަށް ވެރިކަމަށް އާދެވޭނެ ގޮތް ކަނޑައެޅުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެންނަ އިރު ވިސްނަން ޖެހޭނީ، އެމްޑީޕީއަށް މޮޅު ގޮތް ހޯދުމަށްވުރެ ފުޅާކޮށް ކަމަށެވެ. ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީގެ ތެރެއިން ވެރިކަން ކުރަމުން އައި ގޮތަށް ބަލާއިރު އެންމެ ރަނގަޅު ފޯމިއުލާއަކީ، ބޮޑު އައުލަބިއްޔަތެއް ލިބޭ ކެނޑިޑޭޓަކު ހޮވޭ ގޮތަށް ކަނޑައެޅުންކަމަށް ދިޔާނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި ވިސްނަން ޖެހޭނީ އެމްޑީޕީއަށް މޮޅު ހޯދޭނެ ފޯމިއުލާ އަކަށްވުރެ ފުޅާކޮށް. އިލެކްޝަން ހިސްޓްރީއާއި ވެރިކަމުގެ ބާރަށް އައިސްފައިވާ ނަތީޖާ ތަކަށް ބަލާއިރު، ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ބޮޑު އަޣުލަބިއްޔަތެއް ލިބޭ ފަރާތެއް ހޮވޭ ގޮތަށް ކަނޑައެޅުން ރަނގަޅު.

– ދިޔާނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން 2007 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގައިވެސް ވެރިކަމަށް ވާދަކުރި ފަރާތުން ގެންގުޅުއްވި ސިޔާސަތުތަކާއި ދިމާއި އިދިކޮޅު ބަޔަކާއިއެކު ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަން ޖެހުމަކީ ވެރިކަން ކުރުމަށް ފަސޭހަވި ކަމެއް ނޫންކަމަށެވެ. އަދި މިއަދު ވެރިކަން ކުރަންޖެހޭނީ ސީދާ %50 ޕްލަސް 1 ވޯޓު ލިބޭ މީހާކަމަށް ދެކެވޭ ވާހަތަކަކީ އެހާ ހަމަޖެހޭ ވާހަތަކެއް ނޫންކަމަށް ދިޔާނާ ވިދާޅުވިއެވެ.

އަމުދުން 2007 ގެ ނިޒާމީ ވޯޓުގައި ރައްޔިތުން ރިޔާސީ ނިޒާމަށް ވޯޓު އަޅާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާއާއި ތަފާތު އައިޑިއޮލޮޖީ ގެންގުޅޭ ކޯލިޝަން ޕާޓީތަކުން ވެރިކަންކުރާ ނަތީޖާ މެދުވެރިވާގޮތަށް ބޭއްވުމަކީ 2007 ގައި ރައްޔިތުން އިއްވި ބަހަށް ބިއްދޮށު ދޮރުން އަތްފޯރުވާ، އެބަސް ނަފީކުރުން. އަދި މުޅި ޤައުމުގެ އެންމެހާ ރައްޔިތުންގެ މައްޗަށް ހިނގާ ޤާނޫނުތައް ފާސްކުރާ އަޣުލަބިއްޔަތަށް ބެލިޔަސް، %50 ޕްލަސް 1 ގެ ޒުވާބު މިހާރު ފެނު ނުހިފޭ.

– ދިޔާނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީއަށް ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމުލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމާއި، އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.