ޔޫތް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް އީގަލްސް ހޯދައިފި

ޔޫތް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް އީގަލްސް ހޯދައިފި

Author
ޔޫސުފް
13 ފެބްރުއަރީ 2022 07:06
0

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ކްލަބް އީގަލްސް ހޯދައިފިއެވެ.

ކްލަބް އީގަލްސް އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ފ.ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އީގަލްސް ފަސް ވަނަ ފަހަރަށް ހޯދާފައިވާއިރު، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެއެވެ. ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކްލަބް އީގަލްސްއިން މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ، 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން 2016، 2017 އަދި 2019 ވަނަ އަހަރުވެސް މި މުބާރާތް ވަނީ ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ކްލަބް އީގަލްސް އިން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އީގަލްސް އަށް ކާމިޔާބުކޮށްދިނީ ޒައިން ޒަފަރްއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ކްލަބް އީގަލްސްގެ ޒައިންއެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު އީގަލްސްގެ ކޯޗު ނިމާދު އަހުމަދު ހޯދިއިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މަހިބަދޫ ސްޕޯޓްސް ކްލަބެއެވެ. މުބާރާތުގައި ޖުމްލަ 6 ލަނޑު ޖަހައިގެން ޓޮޕް ސްކޯރަރ ގެ މަގާމު ހޯދީ ކްލަބް އީގަލްސްގެ މުހައްމަދު ސަމާހު މޫސާ ފަތްހީއެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން ހޮވާ އެ ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ދީފައެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ، އީގަލްސްގެ ސަމާހު، އިސްމާއިލް ސާއިފް، ހުމައިދް ހުސައިން ސަސްގެ ކީޕަރު މީސަމް، ވިޝާހު އަބްދުލް މަޖީދު، އިޝްއާފް މުހައްމަދު ފިރާގު، ޓީސީގެ އަހްނަފް މުހައްމަދު ތަސްނީމް، އައިހަމް ހަމްދޫނާއި އައިހަމް ސައީދުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީގެ ޒައިން ސުޖާއު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިޔާން އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު ކްލަބް އީގަލްސްއަށް މެޑަލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.