ދިވެހި ދައުލަތުން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދައި، ބޮޑެތި އަދަބުތައް ލިބިދޭ ގޮތަށް އެކުލަވާލާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.
މިބިލުގެ ޑްރާފްޓުގައި ބުނެފައި ވަނީ ބިލުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.
"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" މިހާރު އޮތީ ޑްރާފްޓް ކުރުމުގެ މަރުހަލާގައެވެ. މި ބިލަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވަނީ ފޮނުވައިފައެވެ. މިބިލު މަޖިލީހަށް ހުށަހެޅުމާއިމެދު މިއަދު ނެގި ވޯޓުގައި، ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންވަނީ ބިލު ފާސްކޮށްފައެވެ.
މި ބިލު ހުށަހަޅަން ތައްޔާރުވެފައިވާއިރު، "އިންޑިއާ އައުޓް" ހަރަކާތުން ލިބިދާނެ ގެއްލުމެއް ބެލުމުގެ ދިރާސާއެއް ހެދުމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ގައުމީ ސަލާމަތަށް ނުރައްކާވުމުގެ އިތުރުން އެއީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ދެރައެއް ލިބިދާނެ ހަރަކާތެއް ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދު މަޖިލީހުގެ ކޮމިޓީއަށް ހުށައެޅުއްވި މައްސަލަ ކޮމިޓިން ބޭރުކޮށްލުމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް ކޮމިޓީން އެގޮތަށް ފާހެއް ނުވިއެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީން ބެއްލެވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށައެޅުއްވިއެވެ. ޙަސަން ލަޠީފްގެ ހުށައެޅުއްވުމުގައި ވަނީ ބައެއް އިދާރާތައްވެސް ކޮމިޓީއަށް ޙާޒިރުކުރުމަށް ހުށައަޅުއްވާފައެވެ.
މިގޮތުން ކޮމިޓީން އެމައްސަލަ ދިރާސާކުރައްވަމުން ގެންދަވާއިރު، ކަމާ ގުޅުންހުރި މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާރވިސް، ޑިފެންސް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީ، ކަސްޓަމްސް އަދި އިމިގްރޭޝަން ޙާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މާދަމާ ޕީޖީ ގްރޫޕުގައި ބާއްވާ ބައްދަލުވުމުގައި އެ ބިލް މަޖިލީހަށް ހުށަހެޅުމާ ބެހޭ ގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.
ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެއެވެ. މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.
ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާ ވަގުތެއްގައެވެ.
ކޮމެންޓު ފޮނުވާ