މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިސާބުން "އިންޑިއާ އައުޓް" ހަރަކާތްވެސް މިހާރު ނުފެންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށް އުންމީދާއި ތަސައްވަރު ގެންނަމުންދާކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރު ނިމުގެ ކުރިން މާލޭގެ ރައްޔިތުންނަށް ގޯތިދޭނެކަމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވިދާޅުވެ އެޔަގީންކަން ދެއްވި ހިސާބުން "އިންޑިއާ އައުޓް" ހަރަކާތްވެސް މިހާރު ނުފެންނަ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުންވެސް މިހާރު ސަރުކާރުން ކުރަމުންދާ ތަރައްޤީގެ މަސައްކަތް ބަލައި ގަންނަ ކަމަށެވެ. ސަރުކާރުން ގެންދަނީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރަމުންކަމަށް ބޮންޑޭ ވިދާޅުވިއެވެ.
މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ފަށައިގެން ކުރިއަށްދާކަމަށް ރިޔާސީ ބަޔާނުގައި އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ކަމަށެވެ. އަދި އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފަށްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށެވެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދެވެހި ދަޢުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ.
– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލައެވެ. މި މައްސަލަ ޙައްލުކޮށްދެވުމަށް ރަށްރަށަށް ބިން އިތުރުކުރުމަށް، ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތައް މިހާރުވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ