މިހާރު ކުރިޔަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ސުޕަރ ޔުނައިޓެޑް ސްޕޯޓްސްހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ސަސް އިން ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 0-6 ގެ ނަތީޖާއަކުންބަލިކޮށް، ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކްލަބް އީގަލްސްއެވެ.
މި މެޗުގައި އެއްކޮށް ކަހަލަ ގޮތަކަށް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ސަސް އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސަސް އިން ވަނީ 3 ލަނޑުޖަހާފައެވެ. މި 3 ލަނޑުވެސް ޖަހާފައިވަނީ 5 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ސަސް އަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީސާލިފް ހުސައިންނެވެ. އަދި 23 ވަނަ މިނެޓުގައި އަހުމަދު އައިހަމް މޫސާ ސަސް އަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ވިޝާހު ޢަބްދުލް މަޖީދެއެވެ.
ދެވަނަ ހާފް ފަށައިގެން ސަސްގެ ހަތަރު ވަނަ ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ވިޝާހުއެވެ. ސަސްގެ ފަސްވަނަ ލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އަލީ ޝާޒް ހަބީބެއެވެ. އަދި ފަހު ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މުތައުމުހައްމަދު އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ، އީގަލްސް އާއި ޓީސީއެވެ. އަދި ދެވަނަ ސެމީގައި ސަސް ވާދަކުރާނީ ޔޫވީ އާއެވެ. ސެމީފައިނަލުގެ ދެ މެޗު ވެސް ކުޅޭނީ އަންނަ ބުދަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ