އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގެ ފުރަތަމަ ޖާގަ ސެނެގާލް ހޯދައިފިއެވެ.
ސެނެގާލް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ބުރްކީނާ ފާސޯގެ މައްޗަށް 1-3 ގެ ނަތިޖާއަކުން ކުރި ހޯދައިގެންނެވެ.
ކެމެރޫންގައި ކުރިޔަށްދާ މި މުބާރާތުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ. މެޗުގެ ދެވަނަ ހާފް ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ 70 ވަނަ މިނެޓުގައި ސެނެގާލުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އަބްދޫ ޑިއާލޯއެވެ. އަދި އޭގެ 6 މިނެޓު ފަހުން ސެނެގާލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، އިދްރީސާ ގާނާ-ގޭއިއެވެ. ސެނެގާލް އިން 2 ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ބުރްކީނާ ފާސޯ އިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 82 ވަނަ މިނެޓުގައި ބުރްކީނާ ފާސޯއަށް ކާމިޔާބުކޮށްދިނީ، ބްލާޓީ ޓޫރޭއެވެ.
ބުރްކީނާ ފާސޯއިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް 87 ވަނަ މިނެޓުގައި ސާދީއޯ މާނޭ ވަނީ ސެނެގާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ އެޓީމު ފައިނަލަށް ގެންގޮސްދީފައެވެ. މި މެޗުގެ މޮޅު ކުުޅުންތެރިޔާގެ މަގާމްވެސް ހޯދީ މާނޭއެވެ.
ފައިނަލުގައި ސެނެގާލް ވާދަކުރަން ޖެހޭ ޓީމެއް ކަނޑައެޅިގެން ދާނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބާއްވާ ގައުމު، ކެމަރޫން އާއި މިސްރު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކޮމެންޓު ފޮނުވާ