ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމަށް ދައްކަން ލިއުން ތައްޔާރުކުރި މައްސަލައިގެ ތުހުމަތުކުރެވޭ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޙަސަން ޢަލީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ޙަސަން ޢަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށެވެ. ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އޭނާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހަކާއި ގުޅިގެން، ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެއްވިކަމުގެ ތުހުމަތެވެ.
ޙަސަން އަލީ އަށް ކުރާ ތުހުމަތަކީ، ރިޟްވާން ވަގަށް ނެގި މައްސަލައިގައި އާއިލާ އާއި ރަހުމަތްތެރިންގެ މުޒާހަރާތަކުން ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން، ސީރިއާގައި ކުރި ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ އިން ބޭރަށް ފުރީ ކަމަށް ދައްކަން ޕާސްޕޯޓް ހަދަން އުޅުމެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމަށް ފަހު ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ހަސަން އަލީގެ މައްޗަށް ކުރެވުނު ތުހުމަތާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އެ މައްސަލަ ބަލައި ހަސަން އަލީ ސަސްޕެންޑް ވެސް ކޮށްފައެވެ.
ޖޭއެސްސީން ވިދާޅުވެފައިވަނީ ރިލްވާން ރާއްޖެ އިން ބޭރަށް ފުރާފައިވާކަން ދެއްކުމަށްޓަކައި އިންޓެލިޖެންސްގެ ދެ ފުލުހަކާ ގުޅިގެން، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ޙަސަން ޢަލީ ހުންނެވި އިރު މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވޭ ކަމަށެވެ.
ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ސީރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް އިމިގްރޭޝަނުން ހޯދުމަށް މަސައްކަތްކުރި އިންޓެލިޖެންސްގެ ދެ ފުލުހަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ކޮމެންޓު ފޮނުވާ