الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މުސްލިމަކު އަނެއް މުސްލިމެއްދެކެ ރުޅިއައިސްގެން ވާހަކަނުދައްކާ ހުރުން ހުއްދަވެގެންވަނީ ތިން ދުވަހުގެ މުއްދަތަށެވެ.
ތިން ދުވަހުގެ ތެރޭގައި ރުޅި ކޮންޓުރޯލުކޮށް ދެ މީހުން ޞުލްޙަ ވާން ޖެހޭނެއެވެ. އޭގެތެރެއިން އެންމެ ހެޔޮކަންބޮޑު މީހާއީ އިސްވެ ސަލާމްކުރާ މީހާކަން ޙަދީޘުން ޘާބިތުވެއެވެ. އަދި ތިން ދުވަސް ވާއިރުވެސް ރުޅިވެރިކަމާއި އެކު ވާހަކަ ނުދައްކައި ހުއްޓާ މަރުވެއްޖެނަމަ އެމީހަކު ދާނީ ނަރަކައަށް ކަމުގައިވެސް ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި މިފަދަ ނޭދެވޭ ކަންތައްތައް މަނާކުރުމީ ކޮންމެފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ތިން ދުވަސް ވާއިރުވެސް ވާހަކަނުދައްކާ ހުރުން ހުއްދަވެގެން ވަނީ އެމީހަކީ ނުބައި ކަންތައްތަކަށް އަރައިގަތުމުގައި ދެމިހުރި މީހެއްކަމަށް ވަނީނަމައެވެ. އަދި އެމީހަކާ ވާހަކަނުދައްކާ ދޫކޮށްލުމުން އެކަމުގެ ހައްލެއް ފެނިދާނެކަމަށް ހީވެއްޖެނަމައެވެ. އެހެނީ މުންކަރާތްތައް މަނާކުރުމަކީ ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށްވެސްބޮޑު ޒިންމާއެކެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " من رأى منكم منكراً فليغيّره بيده ، فإن لم يستطع فبلسانه فإن لم يستطع فبقلبه وذلك أضعف الإيمان "رواه مسلم ( 49 )މާނައަކީ: "ތިޔަބައިމީހުންގެތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ، އެކަމެއް އަތުން މަނާ ކުރާހުށިކަމެވެ. އެކަމަށް ކުޅަދާނަކަން ލިބިގެން ނުވަނީނަމަ ދުލުންނެވެ. އެކަމަށްވެސް ނުކުޅެދިއްޖެނަމަ އެމީހެއްގެ ހިތުންނެވެ. އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ."
ދުޢާ އަކީ މުއިމިނުންގެ އެންމެވަރުގަދަ ހަތިޔާރެވެ. އެހެންކަމުން ކޮންމެކަމަކަށް ނަމަވެސް ﷲ ގެ ޙަޟްރަތުގައި ދަންނަވަންވީ އެވެ.
والله أعلم
ކޮމެންޓު ފޮނުވާ