ޕެންޝަންގެ ގޮތުގައި މި އަހަރުގެ ފުރަތަމަ މަހު 128 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހު ޕެންޝަންގެ ގޮތުގައި 128 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ. އެއީ ޕެންޝަން ސްކީމްތަކުގައި ބައިވެރިވެ، ފައިސާ ދޫކުރުމަށް ޝަރުތު ހަމަވާ 28،708 މީހުންނަށެވެ.
ޕެންޝަންއަކީ އެމީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށް ފަހުގައި ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދަޢުލަތުންދޭ ފައިސާވެސް ހިމެނެއެވެ. މީގެތެރޭގައި ހިމެނެނީ 4 ބާވަތެއްގެ ޕެންޝަނެވެ. އެއީ ވަޒީފާއިން ރިޓަޔަރވުމުން ދޭ ޕެންޝަނާއި، 65 އަހަރުން މަތީގެ މީހުންނަށް ދޭ އަސާސީ ޕެންޝަނާއި، ދަޢުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ދަޢުލަތުންދޭ އިނާޔަތްތައް އަދި ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް އިނާޔަތްތަކެވެ.
ޕެންޝަންގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ އަސާސީ ޕެންޝަންގެ ގޮތުގައެވެ.
???? ޖަނަވަރީ މަހުގެ ޕެންޝަން ފައިސާ ޕެންޝަނަރުންގެ އެކައުންޓުތަކަށް ޖަމާކޮށްފި pic.twitter.com/19pboy20Zt
— Pension Office (@PensionOffice) February 1, 2022
އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. މި ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް، ޢުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތައް ފުދޭވަރުގެ ޕެންޝަނެއް ދިނުމެވެ.
އަސާސީ ޕެންޝަން ޖެނުއަރީ މަހު 19،823 މީހުންނަށް ޖަމާކޮށްފައިވެއެވެ. އެއީ 94 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ޕެންޝަންގެ ގޮތުގައި ދެން އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ދަޢުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ދަޢުލަތުން ދޭ އިނާޔަތުގެ ގޮތުގައެވެ. މި ފައިސާ 4254 މީހުންނަށް ވަނީ ދޫކޮށްފައިވެއެވެ. އެއީ 20 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.
ތިންވަނައަށް އެންމެ ގިނަ ފައިސާ ދޫކުރީ ރިޓަޔަރމަންޓް ޕެންޝަން ލިބޭ މީހުންނަށެވެ. ރިޓަޔަރމަންޓް ޕެންޝަންގެ ގޮތުގައި 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ، ދޫކޮށްފައެވެ. މި ޕެންޝަން ލިބޭ 1637 މީހުން ހިމެނެއެވެ. އެހެނިހެން ރިޓަޔަރމަންޓް އިނާޔަތުގެ ގޮތުގައި 2994 މީހުނަން ފައިސާ ދޫކޮށްފައިވއެވެ. އެއީ 5 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ