ޤާނޫނަކުން ޚިޔާލުފާޅުކުރުމުގެ މިނިސްވަންކަން ނުހުއްޓުވޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ، "އިންޑިއާ އައުޓް" ޖިނާއީ ކުށަކަށްހަދައި، ބޮޑެތި އަދަބުތައް ދޭން އެމްޑީޕީން މަޖިލީހަށް ބިލެއް ހުށައެޅުމަށް ނިންމުމުންނެވެ.
އުޝާމް ވިދާޅުވީ، ގާނޫނެއް ހަދައިގެން އެކަން ހުއްޓުވޭނެކަމަށް ސަރުކާރުން ދެކޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއްކަމަށެވެ. މިގޮތަށް ހަދާ ގާނޫނަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން އުޅުމުގެ ބަދަލުގަ އެފަދަ އެއްބަސްވުންތައް ސިއްރުނުކޮށް ވީހާވެސް ބޮޑަށް ކަންކަން ހާމަކުރާނަމަ މިހާލަތަށް ކަންކަން ނުދާނެކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން މަޖިލީހަށް ހުށައެޅުމަށް ނިންމި ޑްރާފްޓުގައި ބުނެފައި ވަނީ ބިލުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.
އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުން ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.
ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެއެވެ. މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.
މިހާރު އެމްޑީޕީގެ ބައެއް މެންބަރުންނަށް ބިލް ފޮނުވައި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމެންބަރު ވިދާޅުވީ ބިލް އަދި އޮތީ ޑްރާފްޓިން މަރުހަލާގެ ވެސް އެންމެ ކުރީކޮޅުގައި ކަމަށް ވާތީ ބިލަށް ބޮޑެތި ބަދަލުތަކެއް އައުން ވެސް އެކަށީގެންވާ ކަމަށެވެ.
ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާ ވަގުތެއްގައެވެ.
ކޮމެންޓު ފޮނުވާ