އަނބިންގާތުގައި މާފަށް އެދުމަކީ ބައެއް ފިރިންނަށް މާ ފަސޭހަ ކަމަކަށް ނުވެއެވެ. އަދި މާފަށް އެދެން އެންމެ އެދެވޭ ގޮތް ނޭނގޭ ފިރިން ވެސް އުޅެއެވެ.
ކޮންމެއަކަސް ކުށެއް ކުރެވިއްޖެ ނަމަ މާފަށް އެދުމަކީ އެންމެ މުހިންމު އެއްކަމެވެ. މި ކަމުގެ ސަބަބުން ބޮޑެތި އެތަށް މައްސަލަތަކެއް ހައްލުވެ ދިރިއުޅުން ފަސޭހަވެގެން ދެއެވެ.
ދެމަރިންގެ މެދުގައި ހިނގާ ޒުވާބަކަށްފަހު "ސޮރީ" މި ލަފްޒުން، އަލުން ގުޅުން ރަނގަޅުވެ ދެމީހުންގެ މެދުގައި ކުރިން އޮތް ގުޅުމަށް ރުޖޫއަވެއެވެ.
މި ކިޔައިދެނީ ކުރެވޭ ކުށަކަށްފަހު ނުވަތަ ކުރެވޭ ޒުވާބަކަށް ފަހު އަނބިމީހާ ގާތުގައި މާފަށް އެދެވިދާނެ ބައެއް ގޮތްތަކެވެ.
ކުށް ގަބޫލު ކުރުން
ކުށެއް ކުރެވިއްޖެ ނަމަ އެކުށެއް ގަބޫލު ކުރުމަކީ ބައެއް މީހުންނަށް އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ނަމަވެސް އެންމެ ފައިދާ ހުރި ގޮތަކީ ކުށެއް ކުރެވިއްޖެ ނަމަ އެކުށެއް ގަބޫލު ކުރުމެވެ.
ދެމަފިރިންގެ ޒުވާބަކަށްފަހު ފުސް މޫނު ދެއްކުމުގެ ބަދަލުގައި ކުރެވުނު ޒުވާބާއި މެދު ވިސްނާލާށެވެ. އެޒުވާބުގައި ދެކެވުނު ވާހަކަތަކަށް ފުންކޮށް ވިސްނުމަށްފަހު ތިމާއަށް ގޯސްކޮށް ކަމެއް ކުރެވިފައި ވާނަމަ އަވަހަށް މާފަށް އެދޭށެވެ. އަނބިމީހާގެ ރުޅި މޫނު ފެނުމަށްވުރެ ތިމާވެސް ހިތްހަމަ ޖެހޭނީ އެގޮތަށް ކަންތައް ކުރުމުންނެވެ.
ސަޕްރައިޒް އެއް ދިނުން
ކުށެއްކުރެވި އަނބިމީހާ ގާތުން މާފަށް އެދެން ބޭނުންނަމަ މިއީ އެންމެ ފަސޭހަ ގޮތް ކަމުގައި ވެދާނެއެވެ. އަނބިމީހާއަށް ކޮންމެވެސް ކަހަލަ ހަދިޔާއެއް ދޭށެވެ. ސަޕްރައިޒް ކޮށްލާށެވެ. އަނބިމީހާގެ ހިތް ވަގުތުން މެލްޓްވެގެން ދާނެއެވެ. ސަޕްރައިޒެއް ދިނުމުގެ ގޮތުން ޑޭޓަކަށްވެސް ދެވިދާނެއެވެ. ނުވަތަ ކާހިތްވާ އެއްޗެއް ގަނެގެން ގެނެސްދެވިވެސް ދާނެއެވެ.
އަނބިމީހާ ކުރާ ކަމެއްގައި އެހީވުން
އެއްވެސް މޮޅުގޮތެއް މާފަށް އެދެން ނުވިސްނިއްޖެ ނަމަ ކުރަންވީ ކަމަކީ ގޭގެ ކޮންމެވެސް ކަމެއް ކޮށްލުމެވެ. އެއީ ގޭތެރެ ސާފުކުރުން، އެއްޗެހި ދޮވެދިނުން، އެއްޗެއް ކެއްކުން ފަދަ ކޮންމެވެސް ކަހަލަ ކަމެއް ކޮށްލަދޭށެވެ. މިފަދައިން ކަންކުރުމުން ކޮންމެހެން "ސޮރީ" ނުބުނެ ހުރިހާ ކަމެއް ހައްލުވީއެވެ.
މާފަށް އެދުމަކީ ހަގީގަތުގައި ވަރަށް ފަސޭހަ އެހާމެ ކުޑަ ކަމެކެވެ. މިހެން ބުނި ކަމުގައި ވިޔަސް ކޮންމެ ކޮންމެ ކުށަކީ މާފު ދެވޭކަމަކަށް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އެހެން ކަމުން ޒުވާބެއް ކުރި ކަމުގައި ވިޔަސް ނުވަތަ ކުށެއް ކުރެވުނު ކަމުގައި ވިޔަސް އެކަމާ މެދުގައި ވިސްނާލުން ބުއްދިވެރިއެވެ.