ސްކޫލް ދައުރުގައި ފާސްނުވުމުން ކްލާސް ޓީޗަރު ގޯސްވާ ފަދައިން، މިސަރުކާރަށް ގޮސްވީ ފިޗު: ސަޢީދު

ސްކޫލް ދައުރުގައި ފާސްނުވުމުން ކްލާސް ޓީޗަރު ގޯސްވާ ފަދައިން، މިސަރުކާރަށް ގޮސްވީ ފިޗު: ސަޢީދު

Author
މުޙައްމަދު ޖިމީ
06 ނޮވެމްބަރ 2020 09:45
0

ސްކޫލް ދައުރުގައި ފާސްނުވުމުން ކްލާސް ޓީޗަރު ގޯސްވާ ފަދައިން، ރާއްޖޭގެ ކްރެޑިޓް ރޭޓިން، "ސީސީސީ" އަށް ދަށްކުރުމުން މިސަރުކާރަށް ފިޗް ގޯސްވީކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފިޗުން ރާއްޖެއަށް ދީފައިވާ ބީ މައިނަސް ކްރެޑިޓް ރޭންކިން "ސީސީސީ" އަކަށް ދަށްކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީ އިން ނުރުހުން ފާޅުކޮށް ވަނީ އެރޭޓިންއަށް ދެކޮޅުހަދާފައެވެ. އަދި އެރޭޓިން މިސަރުކާރުން ބަލައި ނުގަންނަކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ވަނީ މިއަދު ނޫސްބަޔާނެއްވެސް ނެރެފައެވެ.

ސަރުކާރުން ފިޗުގެ ރޭޓިން ބަލައި ނުގަތުމުން، އެކަމަށް ފާޑުވިދާޅުވެ ކުރީ ސަރުކާރުގެ އިޤްތިޞާދާއި ބެހޭ ވަޒީރު އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސްކޫލް ދައުރުގައި ފާސް ނުވުމުން ކްލާސް ޓީޗަރު ގޯސްވާގޮތަށް، "4ބީ" ޕްރިންޓް ނުކުރަން ލަފާ ދިނުމުން މިސަރުކާރަށް ގޮސްވީ ވޯލްޑް ބޭންކު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، މިސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޓެގުކުރައްވާ ކުރެއްވި ޓްވީޓްގައި، މާލީ ނިޒާމުގެ އިތުބާރު ނެތްކަމަށް ބުނެ ހުސް "ސީސީސީ" ރިޕޯޓެއް ލިބުމުން މިސަރުކާރަށް ގޯސްވީ ފިޗުކަމަށް ވިދާޅުވެ ސަޢީދު ވަނީ މިއީ ކޮންކަހަލަ ޤަބޫލުކުރުމެއްތޯ ސުވާލުކުރައްވާފައެވެ.

ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސާދީ ހާލަތު މިހާރު ގޮސްފައިވާކަމަށް ބުނެ ފިޗުން އިއްޔެ އާންމުކުރި ކްރެޑިޓް ރޭޓިންގައި ރާއްޖެވަނީ "ބީ މައިނަސް" އިން "ސީސީސީ"އަށް ރޭޓިން ދަށްކޮށްފައެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. އަދި ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިޞާދުއެތައް ގުނައެއް ދަށަށް ގޮސް، ދުނިޔޭގެ ނިސްބަތުންވެސް އިގްތިޞާދަށް އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ފިޗުން ބުނެފައިވެއެވެ.

ފިޗުގެ ރިޕޯޓް ޤަބޫލުނުކޮށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައ ވަނީ ރާއްޖޭގެ ދަރަނި ދުވަހުވެސް ޑިފޯލްޓް ނުވާކަމަށާއި، ދަރަނިތައް އަދާކުރަމުން އަންނަކަމަށެވެ. އަދި ކޯވިޑް ކޮންޓްރޯލް ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އާއި ފިޗަށެވެ. މި ބޭނުމަށް މި ދެ ކުންފުނިން، ރާއްޖެއާ ގުޅޭ ތަފާސް ހިސާބުތަކާއި މައުލޫމާތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިދާރާތަކުން ހޯދާނެ އެވެ. ފިޗްއިން ރާއްޖެ ރޭޓް ކުރިއިރު، ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓްކުރި، "މޫޑީސް އިންވެސްޓްމަންޓް ސާވިސް" އިން ބުނެފައިވަނީ އޭޝިޔާ ޕެޝިފިކް ގައުމުތަކުގެ ތެރެއިން ދަރަނި ދެއްކުމުގެ ގާބިލްކަން ދަށަށް ދިޔުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

ފިޗާއި މޫޑީސްގެ ކްރެޑިޓް ރޭޓިން އަކީ އިޤްތިޞާދީ ޙާލަތު ޤައުމުތަކުން ވަޒަންކުރާ ރޭޓިންއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.