ޔޫތް ޗެމްޕިއަންޝިޕް: ޓީސީ ސެމީ އަށް، ވެލެންސިއާ މުބާރާތުން ކަޓައިފި

ޔޫތް ޗެމްޕިއަންޝިޕް: ޓީސީ ސެމީ އަށް، ވެލެންސިއާ މުބާރާތުން ކަޓައިފި

Author
ޔޫސުފް
29 ޖެނުއަރީ 2022 02:26
0

މިހާރު ކުރިޔަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޓީސީ ސްޕޯޓްސް ކްލަބުން ކަށަވަރުކުރިއިރު، ކްލަބް ވެލެންސިއާ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ޓީސީ ސްޕޯޓްސް ކްލަބް ދަތުރުކުރީ ގްރޫޕް ބީ ގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. އެގޮތުން ފުރަތަމަ މެޗުގައި ކްލަބް ވެލެންސިއާ ބަލިކުރި އިރު، މިރޭ ކުޅުނު މެޗުގައި ފަހަތުން އަރައި މަހިބަދޫ ސްޕޯޓްސް ކްލަބް ވަނީ ބަލިކޮށްފައެވެ.

ޓީސީ ސްޕޯޓްސް ކްލަބާއި މަހިބަދޫ މިރޭ ކުޅުުނު މެޗު ޓީސީން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. މެޗުގެ 4 ވަނަ މިނެޓުގައި މަހިބަދޫ އަށް މި ލަނޑު ކާމިޔާބުކޮށްދިނީ، ހަސަން ނާއިމްއެވެ. އަދި މެޗުގެ 14 ވަނަ މިނެޓުގައި ނާއިމް ވަނީ އިތުރު ލަނޑެއް މަހިބަދޫ އަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. މަހިބަދޫ އިން 2 ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފުރަތަމަ ހާފުގައި ޓީސީން ވަނީ ފަހަތުން އަރައި 2 ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން ޓީސީގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޔޫސުފް ޝާއިފް ކާމިޔާބުކޮށްދިއިރު، އެއްވަރުކޮށްދިން ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީވެސް ޝާއިފްއެވެ. މި މެޗުން ޓީސީ މޮޅުކޮށްދިން ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުމާން އަބްދުލް ހަމީދްއެވެ.

މި މެޗުގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީއެވެ.

މި މެޗު ޔޫވީން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ގްރޫޕް ބީ ގައި ވެލެންސިއާ އިން ކުޅުނު 2 މެޗުންވެސް ބަލިވެ އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެލެންސިއާ އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު ވެލެންސިއާ އަށް ކާމިޔާބުކޮށްދިނީ، ޢަބްދުﷲ ފާސިރުއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޔޫވީއަށް ކާމިޔާބުކޮށްދިނީ ޒައިޝާން އަޝްރަފްއެވެ.

ދެވަނަ ހާފު ފަށައިގެން ޔޫވީއަށް ލީޑު ނަގައިދިން ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޢަބްދުއް ރަހްމާން ތިބްޔާން އަލީ ސައީދުއެވެ. އަދި ލީޑު ފުޅާކޮށްދިން ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޔޫވީއަށް ކާމިޔާބުކޮށްދިން ޒައިޝާންއެވެ.

ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.